ޖެނުއަރީ މަހު ފައިގެ ކުޑަހުޅުގެ ކަށިކޮޅު ބިންދައިގެން ދިޔުން ވެގެންދިޔައީ ނަފްސާނީ ގޮތުން އޭނާއަށް އުނދަގޫ ކަމަކަށް ކަމަށާއި، ދެ ދުވަސް ވަންދެން ގޭގައި އޮތީ ރޯން ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

ފްރެންޗް ކަޕުގައި ސްޓްރެސްބާގާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގައި ނޭމާގެ ފައިގެ ކުޑަ ކަށިކޮޅު ބިންދައިގެން ދިޔަ އިރު، އޭނާ އެނބުރި އަންނާނެ ކަމަށް ބެލެވެނީ އަންނަ އޭޕްރީލް މަހުގައެވެ. ނޭމާއަށް ޕީއެސްޖީއާއެކު މުހިއްމު މެޗުތަކެއް ގެއްލޭ އިރު، މިދިޔަ ސީޒަންގެ ފަހުބައިވެސް އޭނާ ހޭދަކުރީ ހަމަ އެ އަނިޔާގައެވެ.

"މިފަހަރު އަނިޔާވުމުން އަހަންނަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރި. ފުރަތަމަ ފަހަރު އޮޕަރޭޝަން ކުރަން ޖެހުނު ނަމަވެސް، އެހާ ބޮޑަށް ދެރައެއް ނުވޭ. މިފަހަރު އިނގޭ އޮޕަރޭޝަނެއް ކޮށްގެން އަވަހަށް ރަނގަޅު ނުކުރެވޭނެ ކަން. އެހެންވެ ވަރަށް ބޮޑަށް ދެރަވި. އަހަރެން ދެ ދުވަސް ވަންދެން ގޭގައި އޮތީ ރޯން،" ގްލޯބޯ ޗެނަލްއަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނެފައިވެއެވެ.

މިދިޔަ އަހަރު ނޭމާގެ ފައިގެ އެ ކަށިކޮޅު ބިންދައިން ދިޔުމުގެ ސަބަބުން އޭނާ ސާޖަރީ ހަދާފައިވެއެވެ. ބްރެޒިލާއެކު ވޯލްޑް ކަޕަށް ދިޔުމަށް އޭނާގެ ރިކަވަރީ އަވަސްކޮށްލާފައިވާ އިރު، ވޯލްޑް ކަޕްގައިވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.