ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯގައި ނޭމާ އަޅާ ގެޔެއްގެ މައްސަލައިގައި އޭނާ އަށް އެއް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

ބްރެޒިލްގެ ތިމާވެށީގެ ކަންކަން ބަލަހައްޓާ އިދާރާއިން ބުނެފައިވަނީ ނޭމާގެ ނަންމަތީގައި އޮތް 2.5 އޭކަރުގެ ބިމެއްގައި ގެޔެއް އަޅާއިރު، އެ ސަރަހައްދުގައި ސަރުކާރުން ގާއިމްކޮށްފައިވާ އެކިއެކި އިންފްރާސްޓްރަކްޗާ އަށް ގެއްލުން ދެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެއިދާރާއިން ނޭމާއާ ދެކޮޅަށް ފިޔަވަޅު އަޅަން އެދިފައިވަނީ ރިއޯ ޑި ޖަނެއިރޯގައި ނޭމާ ގެޔެއް އަޅާއިރު، ރަސްމީ ގޮތުން ހޯދަން ޖެހޭ ހުއްދަތަށް ނުހޯދައި، ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ގިނަ ކަންކަން ކުރަމުން އަންނާތީއެވެ. އެގޮތުން އެ ސަރަހައްދުގެ ނަރުދަމާ ނިޒާމާއި، ސާފު ބޯފެން ފޯރުކޮށްދޭން އަޅާފައިވާ ފެން ހޮޅިތަކަށް ގެއްލުންވާ ގޮތަށް ނޭމާގެ މި ގެ އިމާރާތް ކުރަން ހަވާލުވެފައިވާ ކުންފުނިން އަމަލުކުރާތަން ފެންނަ ވީޑިއޯތަކެއް އަންނަނީ ދައުރުވަމުންނެވެ.

ލިބިފައިވާ ގެއްލުންތަކުގެ އިންސްޕެކްޝަން ކުރިއަށްގެންދަން މިހާރު ނޭމާގެ ގޭގެ މަސައްކަތް މަޑުޖައްސާލަން ރަސްމީ އިދާރާތަކުން އަންގާފައިވާއިރު، އެ މައްސަލައިގައި ނޭމާގެ މައްޗަށް އަންނަ ޖޫރިމަނާ އެއް މިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ.

މިއީ، ނޭމާ 2016 ވަނަ އަހަރު ގަތް ބިމެކެވެ. މި ބިމުގައި "ގަނޑުވަރެއް"ގެ ގޮތުގައި ނޭމާ އަޅާ ގޭގައި ޒަމާނީ ގިނަ ކަންތައްތަކެއް ފުރިހަމަވާ ގޮތަށް ވަނީ ހިމަނައިފައެވެ.