ސްޕެއިންގެ ގަދަބާރެއް ގަމުގައިވާ ބާސެލޯނާ ދޫކޮށް ރެކޯޑް އަގަކަށް ޕީއެސްޖީއާއި ގުޅުނު ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅޭނެ ކަމަށް ރެއާލް އަދި ބްރެޒިލްގެ ތަރި މާސެލޯ ބުނެފިއެވެ.

ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި މާސެލޯ އެހެންބުނެފައިވާއިރު އޭނާ ބުނެފައިވަނީ ނޭމާއަކީ މިހާރު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ ކަމަށާއި ނޭމާ އަދި ރެއާލް މެޑްރިޑަށް ކުޅޭނެ ކަމަށެވެ.

"ކޮންމެވެސް ދުވަހަކުން ނޭމާ ރެއާލް މެޑްރިޑުން ފެނިގެންދާނެ. ނޭމާއަކީ މޮޅު އަދި ހުނަރުވެރި ކުޅުންތެރިއެއް. އަހަރެން ގަބޫލުކުރާ ގޮތުގައި ރެއާލް މެޑްރިޑަށް މޮޅެތި ކުޅުންތެރިން ކުޅެދެން ޖެހޭ" މާސެލޯ ބުނެފައިވެއެވެ.

މާސެލޯ އެހެން ބުނެފައިވާއިރު ރެއާލް މެޑްރިޑްގެ ރައީސް ފްލެރެންޓީނިއޯ ޕެރޭޒް ވަނީ މީގެ ކުރިން ރެއާލް އަށް ނޭމާ ގެންނަން ބޭނުންވާ ކަމަށް ބުނެފައެވެ.

ޕެރޭޒް ބުނެފައިވަނީ ރެއާލް އަށް ނޭމާ ކުޅެފިނަމަ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަކުޅުންތެރިޔާއަށް ދޭ ބެލެންޑީއޯ އެވޯޑް ހޯދަން ފަސޭހަވާނެ ކަމަށެވެ. އަދި މެޑްރިޑް އަކީ މޮޅެތި ކުޅުންތެރިން ބޭނުން ކަންތަށް ކޮށްދޭ ކުލަބެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.