ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ، މުހައްމަދު އިރުފާން (އިރޭ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގައި އިތުރުން ތިން އަހަރު މަޑުކުރަން އެއްބަސްވުން އާކޮށްފިއެވެ.

މާޒިޔާގެ ވައިސް ކެޕްޓަން އިރޭ ކޮންޓްރެކްޓް އާކުރިކަން މިއަދު އިއުލާން ކޮށްފައިވާ އިރު، އަންނަ ސީޒަން ވެގެންދާނީ އޭނާ މާޒިޔާއަށް ކުޅޭ ހަވަނަ ސީޒަނަށެވެ. 2014 ވަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅެމުން އަންނަ އިރޭ ވަނީ ގައުމީ ޓީމުގެ ޒުވާން ޓީމުގެ ކެޕްޓަން ކަންވެސްކޮށް، ސީނިއާ ޓީމަށް މުހިއްމު މެޗުތަކެއް ކުޅެފައެވެ.

އޭއެފްސީ ކަޕްގައިވެސް މާޒިޔާއަށް މުހިއްމު ކުޅުމެއް ދައްކަމުންދާ އިރޭ އަކީ ގައުމީ ޓީމުގެ މެދުތެރެއިންވެސް އެންމެ މުހިއްމު ރޯލެއް އަދާކުރާ ކުޅުންތެރިޔާއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީއާއި އަދި ގައުމީ ޓީމުގެ ކުޅުންތެރިންނާއިއެކު އާއްމުންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ދިނުމަށް މިއަދު މާފަންނު ސްޓޭޑިއަމްގައި ބޭއްވި އިވެންޓުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަގުތު" އަށް ވާހަކަ ދައްކަމުން އިރޭ ބުނީ، މާޒިޔާއަކީ ރާއްޖޭގެ "ނަންބަރު ވަން" ކްލަބު ކަމަށާއި، މާޒިޔާ ނޫން އިތުރު ކްލަބަކަށް ސޮއިކުރުމުގެ ވިސްނުން ނުވެސް ނެތް ކަމަށެވެ. އިރޭ ބުނެފައި ވަނީ އޭނާގެ ކެރިއަރުގައި ލިބުނު ހުރިހާ ކާމިޔާބީއަކީވެސް މާޒިޔާގެ ފަރާތުން، މާޒިޔާގެ މެނޭޖުމަންޓުން އޭނާއަށް ލިބުނު ކުރިއެރުން ކަމަށާއި، މާޒިޔާއާ އަރާ ހަމަކުރެވޭނެ ކްލަބެއްވެސް މިވަގުތު ރާއްޖޭގައި ނެތް ކަމަށެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމަށް މާޒިޔާއިން ދަނީ ޓީމު ވަރަށް ބޮޑަށް ވަރުގަދަ ކުރަމުންނެވެ. ހާއްސަކޮށް ރާއްޖޭ ލެވެލްގައި އެންމެ ވަރުގަދަ ކުޅުންތެރިން މާޒިޔާއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގައުމީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ، ހުސައިން ނިހާން (ނިހާޓް)ގެ އިތުރުން އިބްރާހީމް ވަހީދު ހަސަން (އިއްބެ) އަދި ގައުމީ ޓީމުގެ ފޯވަޑް، ހަމްޒާ މުހައްމަދު (ހަމްޕް)ވެސް އަންނަ ސީޒަނަށް މާޒިޔާއާ ގުޅިފައިވެއެވެ.

މާޒިޔާއަށް ކުޅެމުންދިޔަ އިސްމާއީލް އީސަ (މެސީ) ޓީސީއަށް ގޮސްފައިވާ އިރު، މެދުތެރެއަށް ކުޅެމުންދިޔަ ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދަ ގްރާންޑޭއަށް ސޮއިކޮށްފައެވެ. އޭގެ އިތުރުން މާޒިޔާއިން އަންނަ ސީޒަންގައި ނުފެންނާނެ ކުޅުންތެރިންގެ ތެރޭގައި އަހުމަދު އިމާޒް (އާއްކޮ)އާއި ގާސިމް ސައްމާމް (ސައްމެ) ހިމެނެއެވެ.

މާޒިޔާގައި މިދިޔަ ސީޒަނުގައި ހުރި ކޯޗު، އިސްމާއީލް މަހެފޫޒް (އިންމަ)ވެސް ދަ ގްރާންޑޭގެ ކޯޗުކަމާ ހަވާލުވެފައިވާ އިރު، އޭނާގެ ބަދަލުގައި ގެންދާނެ ކޯޗެއް އަދި މާޒިޔާއިން އިއުލާން ކޮށްފައެއް ނުވެއެވެ.