ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރުގެ އިރުޝާދުގެ ދަށުން 0-4 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށްފިއެވެ.

މާޒިޔާއަށް ޖެސިކްގެ ބަދަލުގައި ސުޒެއިރު އިރުޝާދު ދީފައި މިވަނީ ޓީމުގެ ހެޑްކޯޗުކަން ދާދި ފަހުން ޖެސިކް ދޫކޮށްލުމާ ގުޅިގެންނެވެ. އޭނާ މާޒިޔާގެ އެއްބަސްވުން އުވާލުމަށްފަހު ޓީމު ދޫކޮށްލާފައި ވަނީ ސައުދީގެ ފުރަތަމަ ޑިވިޝަންގެ ކްލަބަކާ ގުޅުމަށެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާއިން ލީޑު ނަގާފައި ވަނީ 14 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. އޭގެ މިނެޓެއް ފަހުން މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ.

މާޒިޔާގެ ތިންވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްފައި ވަނީ އިބްރާހިމް ވަހީދު ހަސަންއެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމިފައި ވަނީ 0-3 ގެ ނަތީޖާއަކުން ޔޫވީގެ މައްޗަށް މާޒިޔާ ކުރީގައި އޮވެގެންނެވެ.

މާޒިޔާއިން މެޗުގައި ޖެހި ފަހު ލަނޑު ދެވަނަ ހާފްގައި ކާމިޔާބުކުރީ މޫސާ ޔާމީންއެވެ. މީގެއިތުރުންވެސް މާޒިޔާއަށް ވަނީ މެޗުގައި ލީޑު ފުޅާކުރަން ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ޗެމްޕިއަން މާޒިޔާ އެއްވަނައިގައި އޮތީ 57 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި ޔޫވީ އޮތީ 26 ޕޮއިންޓާއެކުގައެވެ. ލީގުގައި މި ދެޓީމަށް ދެން ބާކީ އޮތީ އެންމެ މެޗެކެވެ.