މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އަތުން ޓީސީ ސްޕޯޓްސް ކްލަބު މޮޅުވިއިރު، ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޔޫވީ އަތުން ޓީސީ މޮޅުވީ 3-0 އިންނެވެ. ގްރީން ސްޓްރީޓްސްއާ ވެލެންސިއާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މިހާތަނަށް ކުޅުނު މެޗުތަކަށްފަހު މާޒިޔާ އެއްވަނައިގައި އޮތީ 8 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން އީގަލްސް ދެވަނައިގައި އޮތްއިރު، ތިނެއްގައި އޮތީ ނުވަ މެޗުން 18 ޕޮއިންޓް ހަމަކޮށްފައިވާ ސަސް އެވެ. ޓީސީ އޮތީ 16 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓީސީ އިން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ހަމްދޫން އަބްދުލް ލަތީފް އެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ޓީސީގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ހަމްދޫން އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު، މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހައިސަމް ރަޝީދު އެވެ.

މި މުބާރާތުގައި ރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިތާ 11 ވަރަކަށް މިނެޓުގެ ތެރޭގައި ވެލެންސިއާ އަށް ލީޑްނަގައިދިނީ ކެޕްޓަން ހަސަން ސުފިއާނު އެވެ. އޭގެ ހަތް މިނެޓުފަހުން، ގްރީން ސްޓްރީޓްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަންސަރު އިބްރާހިމް އެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސް އިން ފުރަތަމަ ފަހަރަށް ލީޑްނެގީ އަހުމަދު ރަސްލާން ހަމީދު ކާމިޔާބުކުރި ގޯލުންނެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ވެލެންސިއާ އަށް ލިބުނު ޕެނަލްޓީއަކުން މުޙައްމަދު އިލާން އިމްރާން ވަނީ އެ ޓީމަށް އެއްވަރުކޮށްދީފައެވެ.

މި މުބާރާތުގައި ދެން ކުޅޭ މެޗުގައި މި މަހުގެ 28 ވާ ހޯމަ ދުވަހު އީގަލްސް ނިކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.