ސާފް ޗެމްޕިއަންޝިޕް 2023 އަށް މެދުކަނޑާލި ރާއްޖޭގެ ފުޓުބޯޅަ ލީގު، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު މާދަމާ އަލުން ފަށަން ތައްޔާރުވެއްޖެއެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަައިގައި އޮފީހަށް ނުނިކުންނާތީ މާދަމާ ލީގު އަލުން ނުފެށިދާނެ ކަމަށް ބެލެވުނު ނަމަވެސް އެފްއޭއެމުން ވަނީ ލީގު ފަށަން ނިންމައި، މިއަދު މެޗުތަކުގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ތާވަލުކޮށްފައެވެ.

އިންޑިއާގެ ބެންގަލޫރުގައި މިމަހު ނިމުނު ސާފް ޗެމްޕިއަންޝިޕް ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓާފައިވާ އިރު، ފުޓުބޯޅައަށް މިވަގުތު ވަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ. ހާއްސަކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފާޑު ކިޔުންތައް މިހާރު ވަނީ ބޮޑުވެފައެވެ. އެންމެ ބޮޑަށް ފާޑު ކިޔުންތައް އަމާޒުވެފައި ވަނީ އެފްއޭއެމްގެ މާލީ ހާލަތު ގޯސްވުމުންނެވެ.

ލީގުގެ މެޗުތައް އެންމެ ފަހުން ކުޅެފައިވަނީ މެއި މަހުގެ 19 ވަނަ ދުވަހެވެ. ލީގުގެ ކުޅުން 56 ދުވަސް ފަހުން، މާދަމާ ފަށާއިރު، މާދަމާ ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. އަދި މާދަމާރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނިކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.

ލީގު އަލުން ފަށާއިރު، ދެ ޓީމެއްގެ ކޯޗުން މި ވަނީ ބަދަލުވެފަ އެވެ. ބަލި ހާލަތު ހުރި ގޮތުން، ކްލަބް އީގަލްސްގެ ކޯޗަކަށް ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ބަދަލުގައި އެ ޓީމަށް އިރުޝާދުދޭނީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. މޯހަން އަލުން އީގަލްސްއާ މި ހަވާލުވި ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ.

ރާއްޖޭގެ ފުޓުބޯޅަ ވެއްޓިފައި މިވާ ހާލަތުން ރަނގަޅު ހާލަތަކަށް ގެންދިޔުމަށް "ސޭވް އެފްއޭއެމް" ނަމުގައި ވަނީ ކެމްޕޭނެށްވެސް ފަށާފައެވެ. އަދި މި ކެމްޕޭނުގެ މައިގަނޑު އަމާޒަކަށް ވެފައި ވަނީވެސް ރާއްޖޭގައި ސަމާނުއްސުރެ އޮތް ފުޓުބޯޅަ ފޯރި އަލުން ހޯދާ، ފޯރި ގަދަ ލީގެށް ކުރިއަށް ގެންދިޔުމެވެ.