މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ބުރު ސްޕޯޓްސް ކްލަބު 0-5 އިން ބަލިކޮށް ކްލަބް އީގަލްސް އިން އަލުން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު އަދިވެސް އެއްވަނައިގައި އޮތް މާޒިޔާ އަށް 8 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް ދެވަނައިގައި އޮތީ 20 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް ސަސް އަށް 18 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ޓީސީ ސްޕޯޓްސް ކްލަބު އޮތީ 13 ޕޮއިންޓާއެކު އެވެ.

ރޭގެ މެޗަކީ އީގަލްސް އިން އޭއެފްސީ ޕްރިލިމިނަރީ ބުރުގައި މި މަހުގެ 16 ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ދިގު ދަތުރެއް ކުރަން ޖެހިފައި އޮތުމުން އޭގެކުރީން ލީގުގައި މާޒިޔާއާ ދެކޮޅަށް އެ ޓީމު ކުޅެން އޮތް މެޗު ފަސްކުރިފަހުން ކުޅުނު ފުރަތަމަ މެޗެވެ.

އީގަލްސް އިން ރޭގެ މެޗުގައި ޖެހި ފަސް ލަނޑުގެ ތެރެއިން އެ ޓީމުގެ ފޯވާޑް، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހެޓްރިކެއް ހެދިއެވެ. އެ ޓީމުގެ އަނެއް ދެ ގޯލް ކާމިޔާބުކުރީ އިވާން ކާލޯސް އާއި ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

މި މުބާރާތުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ހަވީރު ޓީސީ ނިކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާ އެވެ.