އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ރޭ ގްރީން ސްޓްރީޓްސް އާއި ޓީސީ ބައްދަލު ކުރި މެޗު ޓީސީއިން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ޓީސީއިން ކާމިޔާބުކޮށްފައި ވަނީ 0-2ގެ ނަތީޖާއަކުންނެވެ. އަދި މިމޮޅާ އެކު، ޓީސީން ލީގުގެ ފަސް ވަނައަށް ޖެހިލާފައި ވަނީ ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާ އެކުއެވެ.

ވިއްސާރައިގެ ތެރޭގައި ކުޅެން ޖެހުނު މިރޭގެ މެޗުގައި ޓީސީން ލީޑުނެގީ މެޗުގެ 42 ވަނަ މިނެޓުގައި ހައިޝަމް ރަޝީދު ޖެހި ގޯލުންނެވެ. ޓީސީގެ ކުޅުންތެރިއަކު އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަންނަން އުޅުމުގެ ތެރޭގައި ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ފަހަތަށް ފޮނުވާލި ބޯޅައެއް ހޯދައި، ހައިޝަމް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ގްރީން ސްޓްރީޓްސް އާއި ޓީސީ ބައްދަލު ކުރި މެޗު. ފޮޓޯ އެފްއޭއެމް

ފުރަތަމަ ހާފު 0-1ގެ ނަތީޖާއަކުން ނިމުނު އިރު، ދެވަނަ ހާފު ފަށައިގެން މެޗުގެ 48 ވަނަ މިނެޓުގައި ޓީސީއިން ވަނީ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ކައުންޓަރ އެޓޭކެއްގައި ޓީސީގެ މި ލަނޑު ޖެހީ އަޖުމަލް އަހުމަދުއެވެ. އަޖުމަލް މި ގޯލު ޖެހީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރަކު ފައިގައި ޖެހިފައި އައި ބޯޅައެއް ހުސްކޮށް އޮތް ގޯލަށް ވައްދާލައިގެންނެވެ.

އައްމާން ނަސީމް އަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމާއި ގުޅިގެން މެޗުގެ ފަހު ފަނަރަ މިނެޓު ގްރީން ސްޓްރީޓްސް އިން ކުޅެން ޖެހުނީ ދިހަ ކުޅުންތެރިންނާއި އެކުއެވެ. މިރޭގެ މި ބައްޔާއި އެކު ކުޅުނު ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ގްރީން ސްޓްރީޓްސް އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.