ގައުމީ ޓީމަށްވެސް ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ސޮއިކޮށްފިއެވެ.

ލިލީ ކުރިއަށް އޮތް ސީޒަނަށް މާޒިޔާއަށް ސޮއިކޮށްފައިވާ އިރު، އޭނާ ފުރަތަމަ ޑިވިޝަނަށް ތައާރަފްވީ ވެލޯޒިޔާއިންނެވެ.

އޭގެ ފަހުން 2009 ވަނަ އަހަރުން ފެށިގެން 2015އާ ހަމައަށް ލިލީ ކުޅުނީ ނިއު ރޭޑިއަންޓަށެވެ. އޭގެ ފަހުން އެއް ސީޒަނެއްގައި ލިލީ ޓީސީއަށް ކުޅުމަށްފަހު އަނެއްކާވެސް އެނބުރި ނިއުއަށް ބަދަލުވިއެވެ.

2009 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށްވެސް މުހިއްމު މެޗުތަކެއް ކުޅުނު ލިލީ އަކީ އުމުރުން 31 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރެކެވެ.

ފޮޓޯ/ މާޒިޔާ

އަންނަ ސީޒަނަށް ތައްޔާރުވުމަށް މާޒިޔާއިން ދަނީ ޓީމު ވަރަށް ބޮޑަށް ވަރުގަދަ ކުރަމުންނެވެ. ހާއްސަކޮށް ރާއްޖޭ ލެވެލްގައި އެންމެ ވަރުގަދަ ކުޅުންތެރިން މާޒިޔާއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގައުމީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ، ހުސައިން ނިހާން (ނިހާޓް)ގެ އިތުރުން އިބްރާހީމް ވަހީދު ހަސަން (އިއްބެ) އަދި ގައުމީ ޓީމުގެ ފޯވަޑް، ހަމްޒާ މުހައްމަދު (ހަމްޕް)ވެސް އަންނަ ސީޒަނަށް މާޒިޔާއާ ގުޅިފައިވެއެވެ.

މާޒިޔާއަށް ކުޅެމުންދިޔަ އިސްމާއީލް އީސަ (މެސީ) ޓީސީއަށް ގޮސްފައިވާ އިރު، މެދުތެރެއަށް ކުޅެމުންދިޔަ ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދަ ގްރާންޑޭއަށް ސޮއިކޮށްފައެވެ. އޭގެ އިތުރުން މާޒިޔާއިން އަންނަ ސީޒަންގައި ނުފެންނާނެ ކުޅުންތެރިންގެ ތެރޭގައި އަހުމަދު އިމާޒް (އާއްކޮ)އާއި ގާސިމް ސައްމާމް (ސައްމެ) ހިމެނެއެވެ.

މާޒިޔާގައި މިދިޔަ ސީޒަނުގައި ހުރި ކޯޗު، އިސްމާއީލް މަހެފޫޒް (އިންމަ)ވެސް ދަ ގްރާންޑޭގެ ކޯޗުކަމާ ހަވާލުވެފައިވާ އިރު، އޭނާގެ ބަދަލުގައި ގެންދާނެ ކޯޗެއް އަދި މާޒިޔާއިން އިއުލާން ކޮށްފައެއް ނުވެއެވެ.