އިންޑިއާގެ ލީގު، އައި ލީގުގެ ޗެމްޕިއަންކަން ޗެންނާއީ ސިޓީ އެފްސީން ހޯދައިފިއެވެ.

މިރޭ، އެންމެފަހުގެ ޗެމްޕިއަން މިނެރާވް ޕަންޖާބާ ދެކޮޅަށް ކުޅުނު މެޗު، 3-1ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ޗެންނާއީއިން ލީގު ޔަގީން ކުރިއެވެ. އެޓީމު ވެފައި ވަނީ އައިލީގު ހޯދި ތަފާތު އަށްވަނަ ޓީމަށެވެ.

ޖުމްލަ 43 ޕޮއިންޓާއެކު ޗެންނާއީ އެފްސީން ލީގު ކާމިޔާބުކުރި އިރު، ދެވަނައިގައި ނިންމާލި އީސްޓް ބެންގާލް ނިންމާލީ ޕޮއިޓެއް މަދުންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު ޗެންނާއީ އެފްސީއަށް މޮޅެއް މަޖުބޫރުވެފައިވާ އިރު، އެޓީމުން ވަރުގަދައަށް ކުޅެ، ތަށި ޔަގީންވެސް ކުރިއެވެ. ކޮއިމްޕައްތޫރުގެ ޖެވާހެރުލްލާލު ނެހުރޫ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޗެންނާއީގެ ގޯލްތައް ޖަހައިދިނީ ސްޕެއިން ފޯވަޑް ޕެޑްރޯ މަންޒީއާއި ޑިފެންޑަރު ގައުރާވް ބޯރާއެވެ. އޭނާ ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.

އައި ލީގަކީ އިންޑިއާގެ ޒަމާންވީ ލީގު ނަމަވެސް، އަލަށް އައި ސުޕަލީގާއެކު އެ ލީގުގެ ފޯރި ކެނޑި، ވާދަކުރާ ޓީމުތަކުގެ ފެންވަރުވެސް ވަނީ ދަށްވެފައެވެ. އައިލީގު ނުބާއްވަން އެގައުމުގެ ކުޅިވަރުގެ ނުފޫޒު އޮންނަ ފަރާތްތަކުން ޑިމާންޑް ކުރަމުންދާ އިރު، އޭއެފްސީގެ ލަފަޔާއެކު އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ބެލެވެއެވެ.

ސުޕަ ލީގަކީ މާކެޓިން ބޮޑު، މަޝްހޫރުކަން އިތުރުވަމުން އަންނަ ލީގެކެވެ.