އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ ކޮޅަށް ރޭ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ކާމިޔާބުކުރި ދެ ލަނޑާއެކު ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުން ބްރެޒިލްގެ ލެޖެންޑް ޕެލޭ ފަހަތަށް ޖައްސާލައިފިއެވެ.

ބައިނަލްއަޤްވާމީ މެޗުތަކުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގައި ޗެތުރީ މި މުބާރާތާއެކު ބޮޑު ކުރިއެރުމެއް ވަނީ ހޯދާފައެވެ. މި މެޗާއި ކުރިމަތިލިއިރު ޗެތުރީ އޮތީ ޕެލޭއާއި އެއްވަރުވެފައެވެ.

ޕެލޭ ވަނީ ބްރެޒިލް ގައުމީ ޓީމަށް ކުޅެދިން 91 މެޗުގައި 77 ލަނޑު ޖަހާފައެވެ. ޗެތުރީވެސް މި މެޗާއި ކުރިމަތިލިއިރު އޮތީ 77 ލަނޑުގައެވެ. ރާއްޖެ ކޮޅަށް ޖެހި ދެ ލަނޑާއެކު އިންޑިއާއަށް ޗެތްރީ ކާމިިޔާބުކުރި ލަނޑުތަކުގެ އަދަދު ވަނީ 79 އަށް އަރާފައެވެ.

ޗެތުރީ މިހާރު ވެފައިވަނީ ދުނިޔޭގައި މިވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ލިސްޓުގެ ތިންވަނައިގައެވެ. ދެވަނައިގައި ހިމެނެނީ ލިއޮނަލް މެސީ އެވެ. އެއްވަނަ ލިބެނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. މިހާރު ޗެތްރީ ވަނީ ޕެލޭ ފަހަތަށް ޖައްސާލާ ލަނޑު ލިސްޓުގެ ހަވަނައަށް ޖެހިލާފައެވެ. މެސީއާއި އަރާ ހަމަކުރަން ޗެތުރީއަށް ދެން ބޭނުންވަނީ އެއް ލަނޑެވެ.

ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް ރޮނާލްޑޯ ވަނީ 115 ގޯލު ކާމިޔާބުކޮށްފައެވެ. ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނެނީ މި ލިސްޓުގެ 31 ވަނައިގައެވެ. އަދި ދުނިޔޭގެ މިވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ 10 ވަނައިގައެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު ޗެތުރީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ.

މުބާރާތުގެ ފައިނަލުގަައި އިންޑިއާ ބައްދަލުކުރަން ޖެހޭ ޓީމަކީ ނޭޕާލެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތެދަށް ބުނަންޏާ

    ޗެތުރީގެ ވާހަކަ ދައްކަންޏާ ބުނެވޭނީ ޗެތުރީ މޮޅަށް ކުޅޭ އަދި ލިބޭ ފުރުސަތެއްގަ ލަނޑުވެސް ޖަހާ..އޭނަ އިސްކޮޅުން ދިގުނޫނަސް ފުންމައިގެން އަރާވެސް ބޯޅަ ހޯދާ ގޯލުގެތެރެއަށް ފޮނުވާލާ..ޗެތުރީ ގަދައޭ..ދަނޑުމަތީވެސް އެއުޅެނީ އަވިއްސެއްހެން ނުވަތަ ވައިސޫރިއެއްހެން..އެހާވެސް ހަލުވި...

    23
    2
  2. ޒިމް

    އެކަމް ރާއްޖެޓީވީގައި އެނަލިސްޓަކަށްހުރި ދުވަހަކުވެސް ފުޓްބޯޅަ ނުކުޅޭ އިމާދު ލަތީފް ޗެތްރީގެ އޯވަރ ހެޑަށް މަލާމާތްކޮށް ހަޖޫޖަހާ 37 އަހަރުގެ މީހަކަށް އޯވަރހެޑް ޖެހޭނީ އެހެންނޭ ކިޔާފައި...37 އަހަރުގެ ޗެތްރީ މޮޅުކަމުންޖެހި 3 ގޯލް ފާހަގަ ނުކުރެވުނު..
    .

    14
    1