އަނެއްކާވެސް އެނބުރި ރެއާލް މެޑްރިޑަށް އައީ އެ ކްލަބު ދެކެ އިންތިހާއަށް ލޯބިވާތީ ކަމަށް، ފުޓުބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މި ސީޒަން ފެށުމުގެ ކުރިން، ރެއާލް ދޫކޮށް ޒިދާން ދިޔައީ ކާމިޔާބު ތިން ސީޒަނަށްފަހުގައެވެ. ޖެހިޖެހިގެން ތިން ފަހަރު އެ ކްލަބުން ޔޫރަޕްގެ ރަސްކަން ހޯދި އިރު، އެކަމުގެ އެންމެ ބޮޑު ހިއްސާ ދާރަކަށްވީ ޒިދާންއެވެ. އޭނާ ކްލަބު ދޫކޮށްލަން ނިންމި ނިންމުން ގިނަ ބަޔަކަށް ޝޮކަކަށް ވެފައިވާ އިރު، މީޑިއާތައް ބުނާ ގޮތުން ޒިދާން ކްލަބު ދޫކޮށްލީ ރޮނާލްޑޯ ފޮނުވާލުމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ނިންމުމުންނެވެ.

ޒިދާންގެ ފަހުން ރެއާލްއާ ދެ ކޯޗުން ހަވާލުވި އިރު، އެއްވެސް ކޯޗަކަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނެތެވެ. ޒިދާންގެ ފަހުން ރެއާލްގެ ކޯޗުކަމާ ހަވާލުވީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުކަމުގައިި ހުރި ހުލެން ލޮޕެޓެގީއެވެ. ފަސް މަސްވެސް ނުވަނީސް އޭނާ މަގާމުން ބޭރުކޮށްލި އިރު، އެންމެ ފަހުން ހުރި ސަންތިއޭގޯ ސޮލާރީ މަގާމަށް އައީ ރިޒާވް ޓީމުގައި ހުރުމަށްފަހުއެވެ.

ރެއާލް މެޑްރިޑަށް އުނދަގޫ ސީޒަނަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެޓީމަށް ސީޒަން ހުސްއަތާ ނިންމާލަން ޖެހުން ގާތެވެ. ލީގުގެވެސް އުންމީދު ގެއްލިފައިވާ އިރު، ޗެމްޕިއަންސް ލީގުން ކެޓީ ހިތްދަތިކޮށެވެ. ފުރަތަމަ ލެގު، އަވޭގައި 2-1އިން މޮޅުވެފައި އޮތް ނަމަވެސް، މިދިޔަ ހަފްތާގައި ކުޅުނު ދެވަނަ ލެގަށް ނުކުމެ އަޔެކްސް ވަނީ 4-1ގެ ނަތީޖާއަކުން ރެއާލް ބަލިކޮށް، ލަދުގަންނަވާލާފައެވެ.

އެ ނަތީޖާތަކާއެކު ސޮލާރީ ކޯޗުކަމާ ހަވާލުވިތާ އެންމެ ފަސް މަސް ފަހުން އޭނާ ފޮނުވާލަން ރެއާލްއިން ނިންމިއެވެ. ޒިދާން އަލުން ރެއާލްއަށް ގެނެސް، ރޭ އެކަން ރަސްމީކޮށް އިއުލާންވެސް ކޮށްފައިވާ އިރު، ޒިދާން ވަނީ މީޑިއާއާ ވާހަކަވެސް ދައްކާފައެވެ.

"އަހަރެން ބޭނުން ވަނީ ރެއާލްގެ ރަން ދުވަސްތައް އަލުން ގެންނަން. ވަރަށް އުފާވެއްޖެ އަނެއްކާވެސް އެނބުރި އާދެވުމުން. އަހަރެން ދިޔައީވެސް ރަނގަޅު ވަގުތެއްގައި. މި އައީވެސް ރަނގަޅު ވަގުތެއްގައި. އޭރު އަހަރެން ދިޔައީ ބަދަލަކަށް ކްލަބު ބޭނުންވެފައި އޮތުމުން. އެކަމަކު ރެއާލްގެ ރައީސްގެ ފޯނު ކޯލާއެކު އަހަންނަށް އިތުރު ގޮތެއް ނުވިސްނަން. ކްލަބަށް އޮތް ލޯތްބަކާއެެކު އެނބުރި އައީ. އެތައް ކްލަބަކުން ފުރުސަތުތައް އައި، އެކަމަކު ރެއާލްއަށް އިންކާރު ނުކުރާނަން،" ޒިދާން ބުންޏެވެ.

ރެއާލްއާއެކު 2022 ވަނަ އަހަރާ ހަމައަށް ޒިދާން ކޮންޓްރެކްޓް ހަދާފައިވާ އިރު، މީޑިއާތައް ބުނާ ގޮތުން އޭނާ އެނބުރި އައީ، ޓްރާންސްފާ މާކެޓްގައި ހަރަދުކުރާނެ ބަޖެޓެއްގެ އިތުރުން، ރަނގަޅު ޕްލޭންއެއްވެސް ރެއާލްއިން ހުށަހެޅުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސްލު

    ޗަކޮއެތީ އަބދުވެސް ތިޔަކަހަލަ ފޭކު ރިޓަޔަރމަންޓްތަކާ ޑުރާމާތައް ކުޅުއްވާ ބޭޅެއް.. ފުޓުބޯޅަ ކުޅުމުން ރިޓަޔަރކޮށްފަވެސް 2006އަހަރު ކޫލުމުގެ ތެރެއަށް އައީ ހުދު މީހަކު އައިސް އަލުން ފުޓުބޯޅަ ކުޅޭށޭ ބުނީމައޭ ކިޔާ ހަންފެތުރި ނަތީޖަ ވަރަށް ހިތިކޯށް ދިޔައީ "ބުލް މޭން"ގެ ހުތުރު ލަގަބާއެކު ރައްކާޑަކުން ކެރިޔަރު ނިމި އަޅިއަށްވީ. މިހާރު އަނެއްކާ އަނެއް މޮޅު ސުޓަންޓު ޖައްސާފަ ތި އައީ މިފަހަރުވެސް ހަމަ އަޅިއަށްވާނި އިރާދަފުޅުން

    3
    17