ޗެލްސީގެ ޒުވާން ޑިފެންޑަރ އަންޑްރިއަސް ކްރިސްޓިއަންސަން އަކީ މި ސީޒަނުގައި ޗެލްސީގެ ފުރަތަމަ އެގާރައިން ފެނިގެންދިޔަ އެންމެ ބޮޑު އެއް ބަދަލެވެ. ޑޭވިޑް ލުއިޒް ފަދަ ތަޖުރިބާހުރި ޑިފެންޑަރަކަށްވުރެ އެންޓޯނިއޯ ކޮންޓޭ ކްރިސްޓިއަންސަން އިހްތިޔާރުކުރަން ފަށާނީ ކޮންމެވެސް ހާއްސަ ކަމެއް ކްރިސްޓިއަންސަންގެ ކިބައިން ފެނުމުން ކަން ޔަގީނެވެ.

ކްރިސްޓިއަންސަން އަކީ މެޗުތެރޭގައި އިތުރު ބޭކާރު ކަންކަން ނުކުރާ، އެވަގުތު ކުރަންޖެހޭ ކަމެއް ކުރާ ކުޅުންތެރިޔެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޑިފެންޑަރެކެވެ. އަދި އޭނާއަކީ ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ހުނަރުވެސް ލިބިފައިވާ ޑިފެންޑަރެކެވެ. ކްރިސްޓިއަންސަންގެ އެ ހުނަރުވެރިކަމާއިއެކު ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ އާއި ކްރިސްޓިއަންސަން އާއިވެސް ދަނީ އަޅުވައިކިޔެމުންނެވެ. މިފަދަ ތައުރީފާއިއެކު ދުނިޔޭގެ އެންމެ ހުނަރުވެރި ޒުވާން ޑިފެންޑަރުންކަމުގައިވާ ރަފައެލް ވަރާން، ސެމުއެލް އުމްޓިޓީ، ޖޯން ސްޓޯންސް، ލަޕޯޓް އަދި މާކިނޮސް ފަދަ ކުޅުންތެރިންނާއި އެއް ފެންވަރަކަށް ދިޔުމުގައި ކްރިސްޓިއަންސަންއަށް މާ ދުރު ރާސްތާއެއް ކަނޑަތުކުރާކަށް ނުޖެހޭނެއެވެ.

އެހެންނަމަވެސް ކްރިސްޓިއަންސަންގެ ފަރާތުން ފަހަކަށްއައިސް ބައެއް މެޗުތަކުގައި ފެންނަމުންދާ ކުށްތަކުގެ ސަބަބުން އޭނާއަށް ދަނީ ފާޑުކިޔުންތައް މިހާރު އަމާޒުވަމުންނެވެ. ކްރިސްޓިއަންސަން ވަނީ ޗެލްސީގެ ސަޕޯޓަރުންގެ ގަދަރާއި އިހްތިރާމް ވަރަށް ބޮޑަށް ލިބިފައިވާ ކުރީގެ ކެޕްޓަން ޖޯން ޓެރީގެ ކިބައިން އެފަދަ ފާޑުކިޔުންތަކާއި ކުރިމަތިލުމަށް ދަސްކުރަމުންކަމަށް ކްރިސްޓިއަންސަން ވަނީ ކިޔައިދީފައެވެ.

ޓެރީ އޭނާއަށް ދިން ނަސޭހަތުގެ ތެރޭގައި ޓެރީއަށްވެސް ކުށްކުރެވިފައިވާކަމަށާއި އަދި ފޯވަޑަކަށް ފުރުސަތެއްގެ ބޭނުން ނުހިފުނު ނަމަވެސް އެއީ މާ ބޮޑު މައްސަލައެއް ނޫންކަމަށާއި އެހެންނަމަވެސް ޑިފެންޑަރަކަށް އެފަދަ ކުށެއްކުރެވިއްޖެނަމަ އެއީ ވަރަށް ބޮޑު ކަމެއްކަމަށާއި އަދި ބައެއް ފަހަރު މެޗު އެއްކޮށް އެނބުރުމުގެ ފުރުސަތުވެސް އޮތް ކަމެއްކަމަށް ކިޔައިދިންކަމަށް ކްރިސްޓިއަންސަން ވަނީ ބުނެފައެވެ. ޑިފެންޑަރަކަށް ކުށެއް ކުރެވިއްޖެ ނަމަ ކުރިމަތިވާ ފާޑުކިޔުންތައްވެސް ގިނަ ވާނޭކަމަށާއި އަދި އެފަދަ ކުށެއް ނުހެދުމަކީ ކިހާ މުހިންމުކަމެއްކަން ޓެރީގެ ބަސްތަކުގެ ސަބަބުން މިހާރު އޭނާއަށް ވިސްނިފައިވާކަމަށް ކްރިސްޓިއަންސަން ވަނީ ކިޔައިދީފައެވެ.