ރެއާލް މެޑްރިޑުން ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުަގައި ހުއެސްކާ ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ. ރެއާލް މެޗުން މޮޅުވީ ފަހުވަގުތު ކަރިމް ބެންޒެމާ ޖަހައިދިން ހިތްގައިމު ގޯލާއެކުގައެވެ.

ރެއާލްއާއެކު ސީޒަނަށް ނުކުތް، ކޯޗު ސޮލާރީ ވަކިކޮށް، މިހާރު އެ މަގާމަށް ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ހަމަޖައްސާފައިވާ އިރު، ރޭގެ މެޗަކީ ޓީމާ އަލަށް ހަވާލުވި ފަހުން ރެއާލް ކުޅުނު ދެވަނަ މެޗެވެ. ރޭގެ މެޗަށް ނެރުނު ފުރަތަމަ 11އިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ގޯލްކީޕަރު ލޫކާ ޒިދާނެވެ.

ކޯޗު ޒިދާންގެ ދަރި، ލޫކާ ޒިދާން އަކީ ރެއާލްގެ އެކަޑެމީން ފާހަގަކޮށްލެވޭ ގޯލްކީޕަރެކެވެ. ރެއާލްގެ ތިންވަނަ ގޯލްކީޕަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ލޫކާއަށް ރޭގެ މެޗަކީ ސީނިއާ ޓީމާއެކު ކުޅުނު ދެވަނަ މެޗެވެ. ޒިދާންގެ ފުރަތަމަ މެޗުގައި ރެއާލްގެ ގޯލް ބެލެހެއްޓީ ކޭލޯ ނަވާސްއެވެ.

ޒިދާން ބުނެފައި ވަނީ ސީޒަންގައި ލިބޭނެ އެއްވެސް ތަށްޓެއް ނެތުމުން، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ރޭގެ މެޗުގައިވެސް ދަރިފުޅު ބޭނުން ކުރީވެސް އެހެންވެ ކަމަށް ބެލެވެއެވެ. ރޭގެ މެޗުގައި ބްރަހީމް ޑިއާޒްވެސް ފަށާފައިވާ އިރު، ރޭގެ މެޗަކީ އޭނާގެ ފުރަތަމަ މެޗެވެ.

ރެއާލްއަށް މި ސީޒަނުގައި ގެންދިޔަ ބެލްޖިއަމް ގައުމީ ޓީމުގެ ގޯލްކީޕަރު ތީބޯ ކޯޝުއާ ހުރީ އަނިޔާގައެވެ. އޭނާއަށް އަނިޔާވީ ގައުމީ ޓީމު ކުޅުނު މެޗުގައެވެ.

ބެންޒެމާގެ އިތުރުން ރޭގެ މެޗުގައި ގޯލްތައް ޖަހައިދިނީ އިސްކޯއާއި ސެބަލޯސްއެވެ.