ސީ ސްޕޯޓްސްއިން ސްޕޮންސާ ކޮށްގެން ރާއްޖެ ބޮޑީ ބޯޑިން އެސޯސިއޭޝަނުން ފުވައްމުލަކުގައި ބޭއްވި "އެލައިސް 2019" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ޒުވާން ބޮޑީ ބޯޑިން އެތުލީޓުން އުފެއްދުމަށް، ހާއްސަ ތަމްރީނުތަކާވެސް އެކުގައި ކުރިއަށް ގެންދިޔަ މުބާރާތް އަމާޒުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުދިންނަށެވެ. ރާއްޖޭގެ ބޮޑީ ބޯޑިންގައި ފާހަގަކޮށްލެވޭ އެތުލީޓުންނާއެކު ކުރިއަށް ގެންދިޔަ ކާމިޔާބު އިވެންޓް ނިންމާލާފައި ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި ސީ ސްޕޯޓްސްގެ ފުރިހަމަ އެހީތެރިކަމާ އެކުގައެވެ.

މިއަހަރުގެ މުބާރާތް މުހައްމަދު ވިއާމް ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ޝިމާލް ބަލިކޮށްގެންނެވެ. ތިންވަނައަށް ދިޔައީ ޝިނާޒް މުހައްމަދެވެ.

ފޮޓޯ/ ރާއްޖޭ ބޮޑީ ބޯޑިން އެސޯސިއޭޝަން

މުބާރާތުން ފާހަގަކޮށްލެވުނު ކަންތައްތަކާ ގުޅިގެން، މުބާރާތް ހިންގުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ރާއްޖޭގެ އެންމެ މޮޅު ބޯޑީ ބޯޑާ އަލީ ހުޝްރުވާން (ކުޑަ އައްޔަ) ޕީއެސްއެމްއަށް ވިދާޅުވެފައި ވަނީ ކުރީ އަހަރާ އަޅާބަލާއިރު މުބާރާތުގައި ވާދަކުރި ބޮޑީބޯޑަރުން ވަރަށް ބޮޑަށް އިމްޕްރޫވްވެފައިވާ ކަމަށާއި، ވަކިވަކި ބޮޑިބޯޑަރުންނަށް ބެލިކަމުގައި ވިޔަސް ތަފާތު ފެންނަވަނަރަށް ކުރިއެރުން ހޯދާފައިވާ ކަމަށެވެ.

ފޮޓޯ/ ރާއްޖޭ ބޮޑީ ބޯޑިން އެސޯސިއޭޝަން

އެގޮތުން މިއަހަރުގެ މުބާރާތް ކާމިޔާބުކުރި ވިއާމް އަކީ ފާއިތުވި އަހަރު ތިންވަނައަށް ހޮވުނު ބޮޑީބޯޑާރ ކަންވެސް ކުޑަ އައްޔަ ވަނީ ފާހަގަކޮށްފައެވެ.

މިފަހަރު މުބާރާތުގައި، މިދިޔަ އަހަރާއި ޚިލާފަށް ރާޅުވެސް ކުދި ކަމަށާއި، އެހެންކަމުން ރާޅާއެޅުންތެރިންނަށް އެކަން ވަރަށް ބޮޑު ޗެލެންޖަކަށް ވެގެންދިޔަ ކަމަށްވެސް ކުޑަ އައްޔަ ފާހަގަކޮށްފައިވެއެވެ. ފުވައްމުލުކުން ލިބުނު ތަރުހީބު އައްޔަ ފާހަގަކޮށްފައިވާ އިރު، މުބާރާތަށް އެ ސިޓީގެ ކައުސިލުން ދިން އެހީތެރިކަން ކުޑަ އައްޔަ ފާހަގަކުރިއެވެ.

ފޮޓޯ/ ރާއްޖޭ ބޮޑީ ބޯޑިން އެސޯސިއޭޝަން

ބޮޑީ ބޯޑިންއަކީ ބައިނަލްއަގުވާމީ ލެވެލްގައި ރާއްޖެއަށް ރީތި ނަން ގެނެސްދީފައިވާ ކުޅިވަރެކެވެ. ހާއްސަކޮށް ސަރަހައްދީ ލެވެލް މުބާރާތްތަކުގައި ދިވެހި ގިނަ އެތުލީޓުންތަކެއް ވަނީ ވިދާލާފައެވެ. ފުވައްމުލަކުގެ އިތުރުން ދެން މިއަހަރު ބާއްވާ ބޮޑީ ބޯޑިންގެ އަނެއް ދެ މުބާރާތް އޮންނާނީ ލ. އަތޮޅާއި ރ. އަތޮޅު ރަސްމާދޫގައެވެ. އެ ދެ މުބާރާތުގެ ސްޕޮންސަރުންނަކީވެސް ސީ ސްޕޯޓްސްއެވެ.