އަލަށް އެކުލަވާލި ގައުމީ ބޮޑީބޯޑިން ސީނިއާ ޓީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި، ހިތްވަރު ދެއްވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، އައިބީސީ ބޮޑީބޯޑިންގް ވޯލްޑު ޓުއާގައި، ރާއްޖޭގައި ބާއްވާ މުބާރާތްކަމުގައިވާ، ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ބޮޑީ ބޯޑިންގްއަކީ ރާއްޖޭގައި ކުރިއަރުވައި ތަރައްގީކުރުމަށް ފުރުސަތު އޮތް ކުޅިވަރެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ ވަށައިގެން މޫދު އޮތް ގައުމަކަށް ވާއިރު، ރާއްޖޭގައި މޫދުކުޅިވަރުތައް ކުރިއަރުވައި ތަރައްގީކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށެވެ.

"ކޯވިޑްގެ ދަތިކަމާއި އެކުވެސް ފާއިތުވި 2 އަހަރުގެ ތެރޭގައި މިހާތަނަށް ބޭއްވިފައި ނުވާހައި ގިނަ ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ވަނީ ބޭއްވިފައި" ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ، ރާއްޖޭގައި މި އަހަރު ބޮޑީބޯޑިންގް ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވޭނެކަން ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވާއިވާއިރު، މޫދުކުޅިވަރު ކުރިއެރުވުމަށް ރައީސުލްޖްހޫރިއްޔާ އާއި ސަރުކާރުގެ ފަރާތުން ދެއްްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވާ އިންޓަރނޭޝަނަލް އެތުލީޓުންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވެގެންދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ނެޝަނަލް ބޮޑީބޯޑިންގ ސީނިއަރ ޓީމުގެ އޮފިޝަލުން ވަނީ މުބާރާތާއި ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. މިގޮތުން މިހާތަނަށް މިމުބާރާތުގައި ރާއްޖޭގެ އެތުލީޓުންގެ އިތުރުން 100 ވުރެ ގިނަ އިންޓަރނޭޝަނަލް އެތުލީޓުން ބައިވެރިވެފައިވާކަމާއި، އެ އެތުލީޓުންގެ ތެރޭގައި ބޮޑީބޯޑިންގ ގެ ވޯލްޑް ޗެމްޕިއަނުން ހިމެނޭކަންވެސް ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެެއްވުމުގައި ވަނީ، ވިޒިޓް މޯލްޑިވްސް ޕްރޯ-2022ގައި ރާއްޖެ ތަމްސީލްކުރާ، ނެޝަނަލް ބޮޑީބޯޑިންގ ޓީމުގެ ޖާޒީ އާއި ރާއްޖޭގެ ޓީމް ޕްރޮމޯޓު ކުރުމަށް ބޭނުން ކުރާ ޓީޝާޓު ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މި މަހުގެ 27 ގައި ހަމަވާއިރު، މިހާތަނަށް ދުނިޔޭގެ 13 ގައުމެއްގެ އެތުލީޓުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. މިމުބާރާތް ކުރިޔަށްދާނީ ޖުލައި 29 އިން އޮގަސްޓް ހަތް ވަނަ ދުވަހުގެ ނިޔަލަށް މާލޭގައެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ މުބާރާތެވެ.