މިސްރުގެ އަހުރާމްތައް ކައިރީގައި ބޭއްވި ކުލަގަދަ ބޮޑު ހަފްލާއަކާއެކު އެފްރިކަން ކަޕް 2019ގެ ގުރުއަތު ނަގައިފިއެވެ.

ޖޫން މަހުގެ 21އިން ޖުލައި މަހުގެ 19 އަށް މިސްރުގައި ކުރިއަށްދާ މުބާރާތުގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި ތަފާތު ކުލަތައް ފެނުނު އިރު، އެންމެ ގިނަ ބަޔަކު އަޅައިގަތީ އަހުރާމްތަކެވެ. ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ، މިސްރުގެ ތާރީހީ އަހުރާމްތައް ފެންނަ ހިސާބުގައި ބޭއްވި ހަފްލާ ވެގެންދިޔައީ އެފްރިކަން ކަޕްގެވެސް ތާރީހީ ކަމަކަށެވެ.

މިއަހަރުގެ އެފްރިކަން ކަޕަކީ 24 ޓީމު ވާދަކުރާ ފުރަތަމަ މުބާރާތެވެ. އަދި މިއަހަރުގެ މުބާރާތަކީ ޔޫރަޕްގެ ސީޒަން ނިމިގެން އަންނަ ބްރޭކްގައި ބާއްވާ ފުރަތަމަ އެފްރިކަން ކަޕްވެސް މެއެވެ. މީގެ ކުރިން އެފްރިކަން ކަޕް ކުޅެމުން އައީ ސީޒަން ތެރެއިންނެވެ. އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ދަތިތައް ކުރިމަތިވުމުގެ އިތުރުން، މުބާރާތް ބަލާ މީހުންގެ އަދަދުވެސް ބޮޑުތަކުން މަދުވެއެވެ.

މިއަހަރުގެ މުބާރާތް ފަށާނީ، ހޯސްޓް ގައުމު މިސްރާއި ޒިމްބާބުއޭ ބައްދަލުކުރާ މެޗުންނެވެ. މިސްރުގެ ޓީމުގައި ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހްވެސް ހިމެނޭނެ ކަމަށް ބެލެވޭ އިރު، އެ މެޗުގައި ލޯތައް އަމާޒުވާނީވެސް އޭނާއަށް ކަމަސް ބެލެވެއެވެ. މިފަހަރުގެ މުބާރާތުގައި މުޅިން އަލަށް ތިން ޓީމަކުން ވާދަކުރެއެވެ. އެއީ މަޑަގަސްކަރަ، ބުރުންޑީ އަދި މައުރިޓާނިއާއެވެ.

އެފްރިކަން ކަޕް ގްރޫޕްތައް:

ގްރޫޕް އޭ: މިސްރު، ކޮންގޯ، ޔުގާންޑާ، ޒިމްބާބުވޭ

ގްރޫޕް ބީ: ނައިޖީރިއާ، ގިއުނިއާ، މަޑަގަސްކަރަ، ބުރުންޑީ

ގްރޫޕް ސީ: ސެނެގާލް، އަލްޖީރިއާ، ކެންޔާ، ޓަންޒޭނިއާ

ގްރޫޕް ޑީ: މޮރޮކޯ، ސައުތު އެފްރިކާ، އައިވަރީ ކޯސްޓް، ނަމީބިއާ

ގްރޫޕް އީ: ޓިއުނީޝިއާ، މާލީ، މަރިޓާނިއާ، އެންގޯލާ

ގްރޫޕް އެފް: ގާނާ، ކެމަރޫން، ބެނިން، ގިއުނިއާ- ބިސާއޫ