މިއަހަރު ކުރިއަށް ދިޔަ ދެކުނު އޭޝިއާގެ ހޯޕް ވީކުގައި ބައިވެރިވެ ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތަކުން ފުރަތަމަ ފަހަރަށް ރަން މެޑަލެއް ހޯދައިދިން ދީމާ އަލީ، މިހާރު ތައިލަންޑުގައި ކުރިއަށް ދާ އޭޝިއަން ޓީޓީ ހޯޕް ޓޯނަމެންޓުން ރާއްޖޭގެ ދީމާ ވަހީދު ރިހި މެޑަލް ހޯދައިފިއެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތަށް ނިންމާ، ދީމާ ފައިނަލަށް ދަތުރު ކޮށްފައިވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްގެނެވެ. މުބުރާތުގައި ބައިވެރިވާނީ އޭޝިއާ ބައްރުގެ ގައުމުތަކުގެ ތެރެއިންވެސް އެންމެ މޮޅެތި ކުޅުންތެރިންނެވެ.
ދީމާ ފުރަތަމަ ވާދާކޮށްފައިވަނީ އަވައްޓެރި އިންޑިއާއާއި ދެކޮޅަށެވެ. އެ މެޗު ތިން ސެޓު ސުން ސެޓުން ބަލިވި ނަމަވެސް ޖެހިގެން އައި މެޗުގައި ލެބަނަން ބަލި ކުރީ ތިން ސެޓު ސުން ސެޓުންނެވެ. އޭގެ ފަހުން ތައިލަންޑާ ދެކޮޅަށް ކުޅުނު މެޗުންވެސް ދީމާ މޮޅުވީ ތިން ސެޓު ސުން ސެޓުންނެވެ. ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އޭނާ ބައްދަލު ކުރީ ކަޒަކަސްތާނާ ދެކޮޅަށެވެ. އެ މެޗުން އޭނާ ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ.
މުބާރާތުގެ ފައިނަލް ދީމާ ދަތުރު ކުރީ އީރާންގެ ވަރުގަދަ ކުޅުންތެރިއެއް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ދީމާއަށް މި މުބާރާތުގައި ކޯޗުކަން ކޮށްދެމުން ދަނީ އޭނާއަށް ރަން މެޑަލް ހޯދައިދިން ކޯޗު ޝިއުރީ އިބްރާހިމްއެވެ. ޝިއުރީއަކީ ރާއްޖޭގެ ޓީޓީގެ ލެޖެންޑެކެވެ. އޭނާ ވަނީ އެތައް ފަހަރަކު ރާއްޖޭގެ ޗެމްޕިއަންކަން ހޯދާ، ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ރާއްޖެ ތަމްސީލު ކޮށްދީފައެވެ.
ދީމާ ހޯދަމުންދާ ހުރިހާ ކާމިޔާބީއެއްގެ ޓިވިޓްތަށް ކުޅިވަރާ ބެހޭ މިނިސްޓަރ އަހްމަދު މަހްލޫފް ކުރަމުން އަންނަ އިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްނާ އިބްރާހިމް މުހައްމަދު ސޯލިހުވެދް ވަނީ ދީމާއަށް ހިތްވަރު ދެއްވާފައެވެ.