2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ބޭނުންކުރާނެ މުޅިން އާ ސްޓޭޑިއަމްއެއް ކަމަށްވާ އަލް ޖަނޫބު ސްޓޭޑިއަމް އާންމުންނަށް ހުޅުވާލާއިފިއެވެ.

ގަތަރު ކަޕްގެ ފައިނަލްގައި އަލް ސާދާއި އަލް ދުހައިލް ރޭ ކުޅުނު ފައިނަލް މެޗަށް ސްޓޭޑިއަމް ހުޅުވާލި އިރު، އެއީ ވޯލްޑް ކަޕާ ދިމާކޮށް ގަތަރުން އަލަށް ހުޅުވި ދެވަނަ ސްޓޭޑިއަމްއެވެ. މީގެ ކުރިން ހުޅުވި ސްޓޭޑިއަމްއަކީ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްއެވެ. ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ސްޓޭޑިއަމް ހުޅުވި އިރު، ސްޓޭޑިއަމްއަކީ 40،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ.

ގަތަރުގެ ހާއްސަ ދޯންޏެއް ކަމަށްވާ 'ދޯ ބޯޓު"ގެ ޑިޒައިންނަށް ފަރުމާ ކޮށްފައި ސްޓޭޑިއަމްއަކީ އެގައުމުގެ ކަނޑުގެ ވިޔަފާރީގެ ޒަމާންވީ ތަރިކައަށް ތައްޔާރު ކޮށްފައިވާ ސްޓޭޑިއަމްއެެވެ. އެ ސްޓޭޑިއަމްގެ ދަނޑު، ނުވަގަޑިއިރާ 15 މިނެޓުން އަޅާ ނިންމާލި އިރު، އެއީ ދުނިޔޭގެ ރެކޯޑެކެވެ. މަތި ކަހާލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ފުރާޅާއެކު ސްޓޭޑިއަމްގެ އެންމެ ހާއްސަ ކަމަކީ ފިނިކުރުމުގެ ނިޒާމެވެ. ގަތަރަކީ ހޫނު ގައުމަކަށްވާ އިރު، ވޯލްޑް ކަޕްވެސް ވަނީ ފިނި މޫސުމަށް ބަދަލު ކޮށްފައެވެ.

ސްޓޭޑިއަމްގެ ސަޕޯޓަރުން ތިބޭ ސަރަހައްދު 18 ޑިގްރީ ސެލްސިއަސްއަށް ފިނިކޮށްލެވޭ އިރު، ކުޅޭ ދަނޑު 20 ޑިގްރީ ސެލްސިއަސްއަށް ފިނިކޮށްލެވެއެވެ.