ރެއާލް މެޑްރިޑުން މި ސީޒަންގައި ކުޅުނު ފަހު މެޗުންވެސް ބަލިވެގެން ސީޒަން ނިންމާލައިފިއެވެ.

އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު ލީގު މެޗުން ރެއާލް ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ.

މި ސީޒަން ޓްރޮފީއަކާ ނުލާ ރެއާލްއިން ނިންމާލާފައިވާ އިރު، މިއީ 2001-02 ވަނަ އަހަރު ސީޒަނަށްފަހު ރެއާލްއިން އެންމެ ދަށްކޮށް ނިންމާލީ ލީގު ސީޒަނެވެ. އެޓީމުން ތިންވަނައި އޮވެ ނިންމާލީ، 68 ޕޮއިންޓާއެކުގައެވެ. ވާދަވެރި ބާސާއިން ތަށި ނެގި އިރު، މިރޭގެ ބައްޔަކީ ރެއާލްއިން ލީގުގައި ބަލިވި 12 ވަނަ މެޗެވެ.

މިރޭގެ މެޗުގައިވެސް ދަނޑުމަތިން ނުފެނުނު ގެރެތު ބޭލް އިނީ ރެއާލްގެ ބެންޗުގައި މާޔޫސްކަމާއެކުގައެވެ. 2013 ވަނަ އަހަރު ރެކޯޑު އަގަކަށް ޓޮޓެންހަމްއިން ރެއާލްއަށް ބަދަލުވި ބޭލް، މި ސީޒަންގައި މަދު މެޗަކުން ނޫނީ ފެނިފައި ނުވާ އިރު، އަންނަ ސީޒަންގައި އޭނާ ރެއާލްއިން ނުފެންނާނެ ކަމަށް ބެލެވެއެވެ.

ބޭލްއާ ބެހޭގޮތުން މެޗަށްފަހު ޒިދާން ބުނެފައި ވަނީ އޭނާ މެޗުން ނުފެނުމުން އެކަމަށް މާފަށް އެދޭ ކަމަށެވެ. އެހެން ނަމަވެސް އޭގެ ސަބަބުން ބޭލްގެ މުސްތަގުބަލު އޮތް ގޮތް ނޭނގޭ ކަމަށާއި، ޓީމަކަށް ކުޅުންތެރިޔަކު ފިޓް ނުވާނަމަ، ދެން އޮންނަ ގޮތަކީ އޭނާ ފިޓް ކުރުވާނެ ގޮތެއް ހޯދުން ކަމަށްވެސް ޒިދާން ބުންޏެވެ. ޒިދާން ބުނެފައި ވަނީ ކުރިން ބޭލް ކުރި ކަންކަން އޭނާ ހަނދާން ނައްތާނުލާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ވިސްނަން ޖެހޭނީ މިވަގުތަށް ކަމަށެވެ.