ސްޕެނިޝް ކޮޕަ ޑެލްރޭގެ މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން ބާސެލޯނާ ބަލިކޮށް، ވެލެންސިއާއިން ތަށި އުފުލާލައިފިއެވެ.

މިއީ ވެލެންސިއާއިން ކޮޕާ ޑެލްރޭ ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. މީގެ ކުރިން، އެންމެފަހުން ވެލެންސިއާއިން ކޮޕާ ޑެލްރޭ ކާމިޔާބު ކޮށްފައި ވަނީ މީގެ 11 އަހަރު ކުރިންނެވެ. މިރޭގެ ފައިނަލްގައި ވެލެންސިއާއިން ބާސާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ކޮޕާ ޑެލްރޭގެ ތާރީހަށް ބަލާއިރު، ބާސައަކީ މުޅި މުބާރާތުގައިވެސް އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ ރެކޯޑު 30 ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފައެވެ. އެހެން ނަމަވެސް މިރޭގެ މެޗަށް ނުކުތްއިރު، ބާސާ އޮތީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. ބޮޑު ތަފާތެއްގައި އޮވެ ލީގު ކާމިޔާބުކުރި ނަމަވެސް، ސީޒަންގައި އެންމެ ބޮޑަށް ކުރަމުން އައި އުންމީދު ދިޔައީ ފެނަށެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ލިވަޕޫލް އަތުން ބާސާ ކެޓީ ހިތްދަތި ކޮށެވެ. ފުރަތަމަ ލެގުގައި ބާސާއިން 3-0ގެ ލީޑެއް ނަގާފައި އޮއްވާ، ބާސާ ކެޓީ ދެވަނަ ލެގުގައި ކޮޅަށް ހަތަރު ގޯލް ވަދެގެންނެވެ. މިރޭގެ މެޗުގެ ކުރިން ކެޕްޓަން ލިއޮނަލް މެސީ ބުނެފައި ވަނީ ބާސާއަށް އެ މެޗުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ނަމަވެސް، މިރޭ ނުކުންނާނީ ސީޒަން ރަނގަޅު ގޮތުގައި ނިންމާލުމަށް ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފްގައި ވެލެންސިއާއިން، ބާސާ ހާސްކޮށްލިއެވެ. ބާސާގެ ވަރުގަދަ އެޓޭކް ހުއްޓުވުމުގެ އިތުރުން ދެ ގޯލްގެ ލީޑެއްވެސް ނެގިއެވެ. ގަމޭރޯގެ ހިތްގައިމު ގޯލްގެ އިތުރުން ރޮޑްރީގޯ ބޮލުން ޖެހި ގޯލާއެކު ފުރަތަމަ ހާފް، ވެލެންސިއާ ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފްގައި ބާސާއަށް އުންމީދެއް ގެނެސްދިނީ މެސީއެވެ.

މެޗުގެ 73 ވަނަ މިނެޓުގައި އޭނާ ގޯލެއް ޖެހި ނަމަވެސް، ބާސާއަށް ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވިއެވެ.

ކަޕްވެސް ގެއްލުމާއެކު ބާސާ ކޯޗު އާނެސްޓޯ ވަލްވާޑޭއަށް ވަނީ އިތުރު ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ. ހާއްސަކޮށް އޭނާއަށް އެ ކްލަބު ޔޫރަޕްގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލް ނުވެވުން ވެގެންދާނީ ބޮޑު ފެއިލްއަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަށްދު

    މޮޅު މެސީ ކޮބާ އޭނާ ނުކުޅޭދޯ ކުޅުނީޔަަ ޖެހީ އޮފްސައިޑް ލަނޑެއް

    11
    15
    • ޙޖދި

      ތީ މޮޅު މީހާ

  2. ައަހަންމަދު

    ކޮންމެ ގޮތެއްވިޔަސް މެސީ އެއީ ބެލޮންޑޯ ފެވަރިޓް. މެސީ އެއްނޫން ފެއިލް ވީ. ފެއިލްވީ ބާސެލޯނާ.