ދަތުރު ކުރަމުން ދިޔަ ޖެޓް ވެއްޓި މިދިޔަ ޖަނަވަރީ މަހު މަރުވި ކާޑިފް ސިޓީގެ ފޯވާޑް އެމިލިއާނޯ ސަލާގެ މަރާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ފުލުހުން ދެންމެ ބުނީ ސަލާގެ މަރާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ސަލާ މަރާލުމުގެ ގަސްދުގައި އަމަލެއް ހިންގައިގެން ނޫން ކަމަށް ވެސް ފުލުހުން ބުނެއެވެ.

"ސަލާގެ މަރާއި ގުޅިގެން އޭނާ ހައްޔަރު ކުރީ. ނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށެއް ނޫން. އޭނާ ހައްޔަރު ކޮށްފައި ވަނީ ހުއްދަ ނޫން އަމަލެއް ހިންގުމުގެ ތުހުމަތުގައި. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ސަލާ މަރުވި މައްސަލައިގައި." ފުލުހުން ބުންޏެވެ.

އުމުރުން 28 އަހަރުގެ ސަލާ މަރުވީ ފްރާންސްގެ ޕެރިހުން އިނގިރޭސިވިލާތައް ދަތުރު ކުރަމުން ދަނިކޮށް އޭނާ ދަތުރު ކުރަމުން ދިޔަ ޖެޓް ވެއްޓިގެންނެވެ.

ސަލާގެ މަރާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 64 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ނަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ސަލާ ދަތުރު ކުރި ޖެޓް ވެއްޓުނުތާ ދެހަފްތާ ފަހުން ޖެޓް ފެނުނެވެ. ޖެޓް ފެނުނީ ކަނޑުގެ އަޑިންނެވެ. ޖެޓުގެ އެތެރެއިން ސަލާގެ ހަށިގަނޑު ވެސް ހޯދުނެވެ.

ޖެޓް ވެއްޓުނު އިރު ސަލާގެ އިތުރުން ދެން ޖެޓްގައި އިނީ ޕައިލެޓް އެކަންޏެވެ. ޖެޓް ވެއްޓުނު ހާދިސާގައި އޭނާ މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ނިންމާފައި ވީނަމަވެސް އަދި މިހާތަނަށް އޭނާގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ.

ސަލާ މަރުވީ ކާޑިފް އަށް ސޮއި ކުރިތާ ދެދުވަސް ފަހުންނެވެ. ފްރާންސްގެ ކްލަބެއް ކަމަށްވާ ނަންޓެސް އަށް ކުޅެމުން އައި ސަލާ ކާޑިފް އަށް ބަދަލުވީ 15 މިލިއަން ޕައުންޑަށެވެ.