ޖަނަވަރީ 21 ވަނަ ދުވަހު ދަތުރު ކުރަމުން ދިޔަ ޕްރައިވެޓް ޖެޓް ވެއްޓި އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ވަނީ މަރުވެފައެވެ. މުޅި ދުނިޔެ ރޮއްވާލި މި އަޑާއި އެކު ދެން އިވުނީ އޭނާ ވިއްކާލި އަގު ހޯދަން ނޮންޓަސް އިން ކާޑިފާ ދެކޮޅަށް ފީފާ އަށް މައްސަލަ އެއް ހުށައެޅި އަޑެވެ.

ސަލާ ދަތުރުކުރަމުން ދިޔަ ޖެޓް ގެއްލުނީ އޭނާ ކާޑިފާ ގުޅެން ކުރި ދަތުރުގައެވެ. އުމުރުން 28 އަހަރުގެ ސަލާގެ ސޮއި ކާޑިފުން ހޯދީ އަންނަ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އޮންނަން ބޭނުންވާތީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ. ސަލާގެ ސޮއި ކާޑިފުން ހޯދި އިރު، އެގްރީމެންޓްގައި އެެއްބަސް ވެފައި ވަނީ ތިން އިންސްޓޯލްމެންޓް އަކަށް އޭނާގެ އަގު ދެއްކުމަށެވެ.

ކާޑިފުން ކުރަމުން ދަނީީ އެންމެ ޝަކުވާއެކެވެ. އެއީ އިނގްލިޝް ޕްރިމިއާ ލީގުގެ ބަައެއް ރަޖިސްޓްރޭޝަން ތަށް ފުރިހަމަނުވެ ހުރީމައެވެ. ފީފާގެ މެންޑެޓަރީ ސިސްޓަމް އަށް ބަލާނަމަ މި ލިޔުން އޮންނަން ޖެހެނީ ނިމިފައެވެ. ސަބަބަކީ ސަލާގެ ޓްރާންސްފާ އަކީ އިންޓަނޭޝަނަލް ޓްރާންސްފާ އަކަށް ވާތީއެވެ. މިވަގުތު ސަލާގެ ނަން ފީފާގައި ރެޖިސްޓްރީ ވެފައިވަނީ ކާޑިފްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެހެންކަމުން ކާޑިފުން ސަލާގެ އަގު ނޮންޓަސް އަށް ދައްކަންޖެހޭނެއެވެ.

ކާޑިފްއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ސަލާ ދަތުރުކުރި ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގުތައް މި ވަގުތު ވެސް ކުރިއަށްދާތީ މިއީ ޓްރާންސްފާގެ ވާހަކަތައް ދައްކަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށާއި މި ހާދިސާ ހިނގި ގޮތުގެ ތަހުގީގީ ރިޕޯޓެއް ލިބެންދެން ސަލާގެ ޓްރާންސްފާ ފީއާ މެދު ކަންތައް ކުރާނެ ގޮތެއް މަޑުޖައްސާލަން ބޭނުންވާ ކަމަށެވެ.

ސަލާގެ އާއިލާއިން ބުނީ އޭނާ ދަތުރުކުރަމުންދިޔައީ ކާޑިފްގެ ޗެއާމަން މެހެމެތު ދަލްމަންގެ ބޯޓެއްގައި ކަމަށެވެ.