ޕޯޓޯގެ ތަމްރީނުތަކުގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ސްޕެއިންގެ ލެޖެންޑަރީ ގޯލްކީޕަރު އީކާ ކަސިލަސް، ފަރިތަކުރުންތަކަށް އަލުން ގުޅިއްޖެއެވެ.

ކަސިލަސްއަށް ހާޓް އެޓޭކް ޖެހުނުތާ އަދިވީ އެންމެ ދެމަހެވެ. އިއްޔެ ކަސިލަސްގެ މީސް މީޑިއާގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އަނބުރާ ފަރިތަކުރުންތަކަށް ނުކުމެފައިވާ ކަމަށެވެ. ހާޓް އެޓޭކްގެ ސަބަބުން ފަސް ދުވަސް ވަންދެން ކަސިލަސް އެޑްމިޓް ކޮށްފައި އޮތް އިރު، ހޮސްޕިޓަލުން ދޫކޮށްލުުމުން ކަސިލަސް ބުނެފައި ވަނީ މުސްތަގުބަލާ މެދު ނިންމާނެ ގޮތެއް އަދި ނޭނގޭ ކަމަށެވެ.

އުމުރުން 38 އަހަރުގެ ކަސިލަސް ރިޓަޔާކުރާނެ ކަމަށް ގިނަ މީޑިއާތަކުން ބުނި ނަމަވެސް، އޭނާ ފަހުން ބުނެފައި ވަނީ އަދި ހުއްޓާލަން ބޭނުން ނުވާ ކަމަށެވެ. ކަސިލަސްގެ ހާޓް އެޓޭކަށް މާ ގިނަ ދުވަހެއްވެސް ނުވަނީސް، އޭނާގެ އަންހެނުން ސާރާއަށް ކެންސަރު ޖެހިފައިވާކަން އިއުލާން ކޮށްފައިވާ އިރު، މި ދުވަސް ކޮޅަކީ ކަސިލަސްއަށް އުނދަގޫ ދުވަސް ކޮޅެކެވެ.

ރެއާލް މެޑްރިޑްގެ ކެޕްޓަންކަން އެތައް ދުވަހަކު ކޮށްފައިވާ ކަސިލަސް އެ ކްލަބު ދޫކޮށްލީ 16 އަހަރުގެ ކެރިއަރަކަށް ފަހުއެވެ. 725 މެޗު ރެއާލް ޖާޒީގައި ކުޅެފައިވާ އިރު، ކަސިލަސްއަކީ ސްޕެއިންއާއެކު ދެ ޔޫރޯގެ އިތުރުން ވޯލްޑް ކަޕެއްވެސް އުފުލާލާފައިވާ ކުޅުންތެރިއެކެވެ.