ސްޕޭންގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ކަމަށްވާ އިކާ ކަސިއަސް އޭނާ އަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް އިއުތިރާފުވެ އޭނާގެ އަމިއްލަ އެކައުންޓުން ކުރި ޓްވީޓް ޑިލީޓް ކޮށްލައިފިއެވެ. ޓްވީޓް ޑިލީޓް ކޮށްލުމަށްފަހު ކަސިއަސް ބުނެފައި ވަނީ އޭނާގެ އެކައުންޓުން އެގޮތައް ޓްވީޓް ކުރީ އެކައުންޓް ހެކް ކުރުމަށް ފަހު ކަމަށެވެ.

ކަސިއަސް އެއްޖިންސުން ގުޅުން ހިންގާ ކަމަށް އިއުތިރާފުވެ ކުރި ޓްވީޓްގައި ބުނީ އެންމެން ވެސް އޭނާ އަށް އިހްތިރާމް ކުރަން އެދޭ ކަމަށެވެ. ނަމަވެސް ގަޑިއެއްހާއިރު ފަހުން އެޓްވީޓް ވަނީ ޑިލީޓް ކޮށްލާފައެވެ. ޓްވީޓް ޑިލީޓް ކުރި ފަހުން ކަސިއަސް ބުނީ ޓްވިޓާ އެކައުންޓް ހެކް ކުރީ ކަމަށާއި އޭނާގެ ހުރިހާ ފޮލޯވަރުންގެ ކިބައިން މާފަށް އެދޭކަމަށެވެ.

ކަސިއަސް އާއި އޭނާގެ މަޝްހޫރު އަނބިމީހާ ސަރާ ކާބޮނޭރޯގެ ކައިވެނި ވަނީ މިދިޔަ މާޗް މަހު ރޫޅިފައެވެ. އެދެމީހުންނަށް ދެކުދިން ލިބިފައި ވެއެވެ.

އުމުރުން އެންމެ ނުވަ އަހަރުގައި ރެއާލް މެޑްރިޑާއި ގުޅުނު ކަސިއަސް ރިޓަޔާ ކުރީ 2020 ވަނަ އަހަރު އެވެ. ކަސިއަސް ރެއާލް މެޑްރިޑަށް ކުޅެން ފެށީ އުމުރުން 16 އަހަރުގައެވެ. އޭނާ ވަނީ އެޓީމަށް 725 މެޗް ކުޅެދީފައެވެ.

ރެއާލްގައި ކަސިއަސް ވަނީ ތިން ޗެމްޕިއަންސް ލީގާއި ފަސް ލަލީގާ ކާމިޔާބު ކޮށްފައެވެ.

ކަސިއަސް ރެއާލް މެޑްރިޑް ދޫކޮށްލުމަށް ފަހު ޕޯޓޯ އާއި ގުޅި 2015 ވަނަ އަހަރުގެ ފަހުން ވަނީ ޕޯޗްގަލްގެ ދެ ޕްރިމިއާ ލީގް އަދި ޕޯޗްގްއީޒް ކަޕް ކާމިޔާބު ކޮށްފައެވެ. ނަމަވެސް އޭނާގެ ކެރިއަރަށް ހިޔަނި އެޅުނީ ޕޯޓޯގެ ޓްރޭނިންއެއްގައި އުޅެނިކޮށް 2019 ވަނަ އަހަރު ހާޓްއެޓޭކެއް ޖެހުމުންނެވެ.

ކަސިއަސް ވަނީ ސްޕޭންގެ ގައުމީ ޓީމްގައި ވެސް ކަމިޔާބީތަކެއް ހޯދާފައެވެ. 2010 ވަނަ އަހަރު ސްޕޭނުން ވޯލްޑްކަޕް ކާމިޔާބު ކުރިއިރު އަދި 2008 ވަނަ އަހަރާއި 2012 ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ކަސިއަސް މުހިއްމު ދައުރެއް އަދާކޮށްފައި ވެއެވެ.