އެޑެން ހަޒާޑްގެ ދެ ގޯލާ އެކު ވެސްޓްބްރޮމްގެ މައްޗަށް 0-3 އިން ކުރި ހޯދައި ޗެލްސީން މުހިއްމު މޮޅެއް ހޯދައިފިއެވެ.

މި މޮޅާ އެކު ޗެލްސީ މިހާރު އޮތީ 53 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. ރޭގެ މެޗުން ބަލިވި ވެސްޓްބްރޮމް އޮތީ 20 ޕޮއިންޓާ އެކު ލީގުގެ ފުލުގައެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ވެސްޓްބްރޮމް އިން ރަނގަޅަށް ކުޅުނުއިރު ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް އެޓީމުގެ ޖޭ ރޮޑްރިގޭޒް އަށް ވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް ފުދޭވަރަކަށް ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

މި ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ މެޗުގެ 25 ވަނަ މިނެޓްގައި ޗެލްސީން ލީޑު ނެގުމެވެ. ޖިރޫ ދިން ޕާހަކުން މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑްއެވެ. މި ގޯލާއެކު ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ނަތީޖާ އެއްވަރުކޮށްލަން ވެސްޓްބްރޮމް އަށް ރަނގަޅު ދެ ފުރުސަތެއް ލިބިފައިވެއެވެ.

ޗެލްސީގެ ދެވަނަ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ވިކްޓަ މޯސެސް ކާމިޔާބުކޮށްދިން އިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ހަޒާޑްއެވެ. ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާ އެކު ލީގުގައި ހަޒާޑް ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 11 އަށް އަރާފައެވެ.

ރޭގެ މެޗަކީ ދެ މެޗަށްފަހު ލީގުގައި ޗެލްސީން ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި އެންމެފަހުން ޗެލްސީން ކުޅުނު ދެ މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.

މީގެއިތުރުން ރޭގެ މެޗަކީ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅެ ޕްރިމިއަރ ލީގުގައި މިއަހަރު އެޓީމުން ހޯދި ފުރަތަމަ މޮޅުކަން ވެސް ފާހަގަކޮށްލެވެއެވެ.

ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑާއެވެ.