ގެރެތް ބޭލް ހިމަނައިގެން ސްޕެއިންގެ ރެއަލް މެޑްރިޑުން އައު ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ތަމްރީންތައް ފަށައިފިއެވެ.

އައު ސީޒަނާއި ދިމާކޮށް އެ ކްލަބުން ޕްރީ ސީޒަން ޓުއާގައި ކެނެގާއި ތަމްރީންތައް ފަށައިފައި ވާއިރު، އެންމެންގެ ލޯތައް ހުއްޓުނީ އެ ކްލަބުގެ ވިންގާ ގެރެތް ބޭލް އަށެވެ.

ރެއަލްގެ ކޯޗު ކަމާއި ދާދި ފަހުން އަނެއްކާވެސް ހަވާލުވި ޒައިނެއްދީން ޒިދާން ކްލަބުގެ މުޅި ސްކޮޑު އޯވަހޯލް ކުރަމުން އަންނަ އިރު، ޒިދާންގެ ޕްލޭން ތަކުގައި ބޭލް ނުހިމެނޭކަން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އޭނާ ވަނީ އަންގާފައެވެ. އަދި ބޭލް ވިއްކާލުމުގެ މަސައްކަތް ތައްވެސް ދަނީ ކުރިއަށް ކަން ފާހަގަކޮށްލެވެއެވެ.

600،000 ޕައުންޑު ކޮންމެ ހަފްތާ އަކުވެސް ރެއަލް އިން ބޭލް އަށް ދެމުން އަންނަ އިރު، ބޭލްގެ އޭޖެންޓު ވަނީ އޭނާ އެ ކްލަބު ދޫކޮށްލަން ބޭނުން ނުވާކަން ރެއަލް އަށް އަންގާފައެވެ. ދާދި ފަހުން ބޭލް އަށް ޗައިނާގެ ކްލަބަކުން ބޮޑު ހުށަހެޅުމެއް ލިބުނު ނަމަވެސް، ޓްރާންސްފާ ފީއެއް ރެއަލް އަށް ނެތުމުން، އެ ހުށަހެޅުން ވަނީ ބޭރު ކޮށްލާފައެވެ.

ސްޕެއިންގެ މަރުކާ އިން ރިޕޯޓް ކުރާ ގޮތުގައި ބޭލް ބޭނުންވަނީ ރެއަލް މެޑްރިޑެވެ. ނުވަތަ އެ ފެންވަރުގެ ޔޫރޮޕްގެ އެހެން ކްލަބަކާއި މިހާރުވެސް ލިބެމުން އަންނަ ވަރުގެ ބޮޑު މުސާރައެކެވެ.