ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން މެންޗެސްޓާ ޔުނައިޓެޑުން އޮސްޓްރޭލިއާގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފިއެވެ.

މި ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕްގެ 3ވަނާގައި ލީގު ނިންމައިލި ލީޑްސް ކޮޅަށް ޔުނައިޓެޑުން ޖެހި ގޯލުތައް ކާމިޔާބު ކޮށްދީފައި ވަނީ މޭސަން ގްރީންވުޑް، މާކަސް ރަޝްފޯޑު އަދި ފިލް ޖޯންސްގެ އިތުރުން އެންތޮނީ މާޝަލް އެވެ.

އޮސްޓްރޭލިއާގެ އޮޕްޓަސް ސްޓޭޑިއަމް ގައި 55،274 ސަޕޯޓަރުން ކުރިމަތީ ކުޅުނު މި މެޗު ކާމިޔާބު ކޮށް، ޔުނައިޓެޑުން ފެށުން ރަނގަޅު ކޮށްފައި ވާއިރު، މި ދެ ޓީމު އެންމެ ފަހުން މެޗެއްގައި ބައްދަލު ކޮށްފައި ވަނީ މީގެ 8 އަހަރު ކުރިން ކަން ފާހަގަކޮށްލެވެއެވެ. އެ މެޗު 3-0ން ކާމިޔާބު ކުރީ ހަމަ މެންޗެސްޓާ ޔުނައިޓެޑުންނެވެ.

މި މެޗުގައި މެންޔޫ ދޫކޮށްލަން ބޭނުން ވާކަން ހާމަ ކޮށްފައިވާ ޕައުލް ޕޮގްބާވެސް ކުޅެފައި ވާއިރު، އެ ޓީމުގެ ކޯޗު ސޮލްސަޖާ ވަނީ މެޗައް ފަހު ޕޮގްބާގެ ކުޅުމަށް ތައުރީފް ކޮށް ވާހަކަ ދައްކައިފައެވެ.

މި މެޗުން ބަލިވި ލީޑްސް އިން އޮސްޓްރޭލިއާ އަށް ދިޔަ ސްކޮޑުގައި ބައިވެރި ވެފައި ވަނީ އެންމެ 16 ކުޅުންތެރިންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބާކީ ތިބި ކުޅުންތެރިން އެ ގައުމަށް ނުގެންދިޔައީ އެ ކުޅުންތެރިންގެ ފިޓްނަސް ލެވެލް ރަނގަޅު ކުރުމުގެ ގޮތުންނެވެ.

މެންޔޫ އިން ދެން ކުޅޭނީ ސިންގަޕޫރުގައި އިންޓަ މިލާން އާއި ދެކޮޅަށެވެ. އެއަށް ފަހު، ޗައިނާގައި ޓޮޓެންހަމް އާއި ދެކޮޅަށްވެސް އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަން ފާހަގަކޮށްލެވެއެވެ.