ޕްރިމިއާ ލީގު ކުލަބް، ލީޑްސް ޔުނައިޓެޑްގެ ކުޅުންތެރިން، ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެއެވެ.

ލީގުގައި އިއްޔެ ލީޑްސް ޔުނައިޓެޑުން 4-1 އިން ބޯންމައުތު އަތުން ބަލިވި މެޗަށް ފަހު، އެ ޓީމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ލީޑްސް މިހާތަނަށް ކުޅުނު 34 މެޗުން ލިބުނު 30 ޕޮއިންޓާ އެކު، އެ ޓީމު އޮތީ ތާވަލްގެ 16 ވަނައިގައެވެ. ލީޑްސް އޮތީ ރެލިގޭޝަން ޒޯނަށް ވުރެ އެއް ޕޮއިންޓް ކުރީގައެވެ. އެހެންވެ، ލީޑްސް މި ސީޒަންގައި ރެލިގޭޓްވުމުގެ ބިރާ މިހާރު ވަނީ ކުރިމަތިލާން ޖެހިފައެވެ.

ބޯންމައުތު އަތުން ބަލިވި މެޗަށް ފަހު، ލީޑްސް ކުޅުންތެރިން ހޮޓަލަށް ވަތް ގަޑީގައި ހޮޓެލް ކައިރީގައި ސަޕޯޓަރުން ތިބިއެވެ. ނަމަވެސް، އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލީޑްސް ކުޅުންތެރިން ވަނީ އެ ޓީމުގެ ސަޕޯޓަރުންނަށް "ފުރަގަސް" ދީފައެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ.

ލީގުގައި ލީޑްސް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމަށް ހޯދިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އެހެންވެ، ލީޑްސްގެ ކޯޗު ޖަވީ ގްރާސިއާގެ ކުރިމަގާ މެދުގައި ވެސް ވަނީ ސުވާލު އުފެދިފައެވެ.

ލީޑްސްގެ ކުޅުންތެރިން، ސަޕޯޓަރުންނަށް ދިން މެސެޖެއްގައި ބުނީ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި ދެއްކުނީ މޮޅު ކުޅުމެއް ނޫން ކަމަށެވެ. އަދި ބޯންމައުތު ދަނޑަށް ދިޔަ ލީޑްސް ސަޕޯޓަރުން ދިޔައީ ވަރަށް ބޮޑު އުންމީދަކާ އެކީގައި ކަމަށް ވެސް އެ ކުޅުންތެރިން ބުނެފައިވެއެވެ.

ހޮޓަލަށް ދިޔަ ގަޑީގައި ސަޕޯޓަރުންނާ ބައްދަލުވެ، ފޮޓޯ އާއި އޮޓޯގްރާފްސް ނުދެވުމުން އެކަމާ މާފަށް އެދޭ ކަމަށް ވެސް އެ ކުޅުންތެރިން ބުނެފައިވެއެވެ.

ލީޑްސް ޔުނައިޓެޑަށް ކުރިއަށް އޮތީ ވަރުގަދަ މެޗުތަކެކެވެ. އެގޮތުން މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑާއި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗު އެ ޓީމަށް އުނދަގޫ ވާނެއެވެ. ލީޑްސް އިން ރެލިގޭޝަން ޒޯން ކައިރީގައި އޮތް ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ވެސް ކުޅެން ޖެހޭނެއެވެ.

ލީޑްސް ޔުނައިޓެޑް ކޮޅަށް މިދިޔަ މަހު އެކަނި ވެސް 23 ގޯލް ވަދެފައިވެއެވެ. އޭޕްރީލް 1965 ވަނަ އަހަރު ބާމިންހަމް ކޮޅަށް ވެސް 23 ގޯލް ވަދެފައިވެއެވެ.

"އަހަރުމެން ގަބޫލެއް ނުކުރަން މި ފައިޓް ނިމުނީ ކަމަކަށް. މި ސީޒަންގެ އެންމެ ފަހު ވަގުތާ ޖެހެން ދެން އަހަރުމެން މަސައްކަތް ކުރާނަން." ލީޑްސްގެ ކުޅުންތެރިން ބުނެފައިވެއެވެ.

"ޝުކުރިއްޔާ ތި ދެމުން އަންނަ ސަޕޯޓަށް،"