އިނގިރޭސި ޕްރިމިއަރ ލީގުގައި ލީޑް ޔުނައިޓެޑް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއިން ލީޑު ދަމަހައްޓައިފިއެވެ.

އާސެނަލްއިން މި މެޗު ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުން ލިބުނު މޮޅާއި އެކީ އާސެނަލް މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައި 29 މެޗުން ލިބުނު 72 ޕޮއިންޓާއި އެކީއެވެ. ތާވަލުގެ ދެވަނައިގައި 28 މެޗުން ލިބުނު 64 ޕޮއިންޓާއި އެކީ މެންޗެސްޓަރ ސިޓީ އޮތްއިރު، ތިން ވަނައިގައި އޮތީ 26 މެޗުން 50 ޕޮއިންޓް ލިބުނު މެންޗެސްޓަރ ޔުނައިޓެޑެވެ.

މިރޭގެ މެޗު ފެށިގެން ދެޓީމުން ވެސް ވަނީ ޓީމަކަށް ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. ނަމަވެސް އާސެނަލައަށް މެޗުގެ އުންމީދު އާވެގެން ގޮސްފައިވަނީ މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް، މެޗުގެ ލީޑު އާސެނަލްއަށް ނަގާދީފައިވަނީ އެޓީމުގެ ކުރިއަށް ކުޅެމުން އަންނަ ގެބްރިއަލް ޖީސަސްއެވެ.

އާސެނަލްއިން ޖެހި ޕެނަލްޓީއާއި އެކީ ލީޑްސް ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. ނަމަވެސް އެ ޓީމުން ވަނީ އިތުރު ގޯލެއް ވަދެޔަ ނުދީ ފުރަތަމަ ހާފް ނިންމާލާފައެވެ.

މެޗުގެ ދެވަނަ ހާފްގައި އިތުރު ގޯލެއް ކާމިޔާބުކޮށް، އާސެނަލްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ދެވަނަ ހާފް ފެށިގެން 2 ވަނަ މިނެޓުގައި ގެބްރިއަލް މާޓިނެލީ ފޯރުކޮށްދިން ބޯޅައަކުން ބެން ވައިޓްއެވެ. އަދި އެޓީމުގެ ތިން ވަނަ ގޯލު ކާމިޔާބު ކޮށްދީފައިވަނީ ލިއަންޑްރޯ ޓްރޮސާޑް މެޗުގެ 55 ވަނަ މިނެޓުގައި ފޯރުކޮށްދިން ބޯޅައަކުން ގެބްރިއަލް ޖީސަސްއެވެ.

މިމެޗުގައި ލީޑްސްއަށް ކާމިޔާބުވި ހަމައެކަނި ގޯލު އެޓީމަށް ޖަހާދީފައިވަނީ މެޗުގެ 76 ވަނަ މިނެޓުގައި ރަސްމުސް ކްރިޓެންސެންއެވެ.

ލީޑްސްއިން އެ ގޯލު ޖެހިތާ 8 ވަރަކަށް މިނެޓު ފަހުން، މެޗުގެ 84 ވަނަ މިނެޓުގައި އާސެނަލްއިން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 4-1 އަށް ހަދާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ގްރަނިޓް ޒަކާއެވެ.

މިމެޗުން އާސެނަލްއަށް ބޮޑު މޮޅެއް ލިބިފައިވާއިރު، އެ ޓީމުން ދެން ބައްދަލު ކުރާނީ މިއަދު ސިޓީއާއި ކުޅެފައި 4-1 ގެ ނަތީޖާއަކުން ބަލިވި، ލިވަޕޫލްއާއި މިމަހުގެ 9 ވަނަ ދުވަހުއެވެ. އަދި ލީޑްސް އިން ބައްދަލު ކުރާނީ ނޮޓެމް ފޮރެސްޓާއި މިމަހުގެ 4 ވަނަ ދުވަހުއެވެ.