އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 2-1 އިން ލޫޓަން ޓައުން ބަލިކޮށް، ވެސްޓް ހޭމް ޔުނައިޓެޑުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މިއީ ލީގުގައި ވެސްޓް ހޭމުން ޖެހިޖެހިގެން މޮޅުވި ތިންވަނަ މެޗެވެ. ރޭގެ މެޗަކީ ލޫޓަންގެ ދަނޑުގައި އެ ޓީމުން މި ފަހަރުގެ ސީޒަނުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ރޭގެ ނަތީޖާއާއެކު ވެސްޓް ހޭމުން ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އާއި ހަތަރުވަނައިގައި އޮތް ލިވަޕޫލްގެ އިތުރުން ފަސްވަނައިގައި އޮތް އާސެނަލަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޓޮޓެންހަމަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ލޫޓަންގެ ކެނިލްވޯތު ރޯޑްގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހޭމުން ލީޑްނެގީ 37 ވަނަ މިނެޓުގައި ޖަރޮޑް ބޮވެން ކާމިޔާބުކުރި ގޯލުންނެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ބޮވެން މި ލަނޑުޖެހީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު، ލޫކަސް ޕަކޭޓާ ދިން ބޯޅައަކުންނެވެ.

ދެވަނަ ހާފުގައި ލޫޓަން އަށް ލަނޑެއްޖަހައިދޭން އެލައިޖާ އަޑެބާޔޯ އާއި ކާލްޓަން މޮރިސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުނުއިރު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ވެސްޓް ހޭމްގެ ދެވަނަ ލަނޑުޖަހައިދިނީ ކެޕްޓަން ކާޓް ޒޫމާ އެވެ. މިއީ ޖޭމްސް ވޯޑް-ޕްރައުސް ނަގައިދިން ކޯނަރެއްގެ އެހީގައި ބޮލުން ފޮނުވާލައިގެން ޒޫމާ ކާމިޔާބުކުރި ގޯލެކެވެ.

މުޅި މެޗުގައި ވެސް ލޫޓަން އިން ވެސްޓް ހޭމްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާގައި މެޑްސް އެންޑަސަން ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައި، ލޫޓަން އަށް ފަރަގު ކުޑަކޮށްދީފައެވެ. މޮރިސް ދިން ބޯޅައަކުން އޭނާ މި ލަނޑުޖެހީ ބޮލުންނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި، ސިޓީގެ ދަނޑުގައި ފުލަމްއާ ބައްދަލުކުރާއިރު، ޗެލްސީން އަމިއްލަ ދަނޑުގައި ނިކުންނާނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ. ބާންލީގެ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް އެ ޓީމު ނިކުންނައިރު، ބްރައިޓަންގެ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.