އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ބަލިކޮށް ވެސްޓް ހޭމް ޔުނައިޓެޑް ލީގުގެ ތާވަލުގެ ހަވަނައަށް ޖެހިލައިފިއެވެ.

މި މޮޅާއެކު ވެސްޓް ހޭމް އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާއެކު ލީގު ތާވަލްގެ ހަ ވަނައިގައެވެ. ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޗެލްސީ އޮތީ 15 ވަނައިގައެވެ.

އާދިއްތަ ދުވަހުގެ ރޭ ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މެޗުން ޗެލްސީ ބަލިވީ 3-1 އިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގީ ވެސްޓް ހޭމުންނެވެ. މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރެއްގައި ވާޑް ޕްރައުސް ހުރަސްކޮށްދިން ބޯޅައެއް، ބޮލުން ގޯލަށް ވައްދާލައިގެން ވެސްޓް ހޭމަށް ލީޑު ނަގައިދިނީ ނަޔެފް އަގާޑްއެވެ. ނަމަވެސް ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ގޯލުގެ އަރިމަތީ ކަނަށްވާ ގޮތަށް ފޮނުވާލައިގެން ކާނީ ޗުކުމޭކާ ވަނީ ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެ ވަނަ ހާފަށް ވެސްޓް ހޭމުން ނިކުތީ ކުޅުން ރަނގަޅުކޮށް ގިނަ ޕާސްތަކެއް ޖަހާ އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މި ހާފު ފަށައިގެން އަށް ވަަނަ މިނެޓުގައި ޕްރައުސް ދިން ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ވެސްޓް ހޭމަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ މިކޭލް އެންޓޯނިއޯއެވެ. އޭގެ ފަހުން 67 ވަނަ މިނެޓުގައި ވެސްޓް ހޭމްގެ އަގާޑަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފަ އެވެ. ބާކީ ބައި ދިހަ ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ނަމަވެސް، ވެސްޓް ހޭމުން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުން ތިން ޕޮއިންޓު ޔަގީން ކޮށްފަ އެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލިބުނު ޕެނަަލްޓީއެއް ކާމިޔާބުކޮށްގެން، ލޫކަސް ޕަކޭޓާ ޖެހި ލަނޑުންނެވެ.

ލީގުގައި ދެން ޗެލްސީ އަށް އޮންނާނީ އޯގަސްޓު މަހުގެ 26 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލޫޓަން ޓައުނާ ދެކޮޅަށް ކުޅޭ މެޗެވެ.