ބަޔާން އާއި ދެކޮޅަށް އެކުވެރި ކަމުގެ މެޗެއްގައި އެޑެން ހަޒާޑު އޭނާގެ ފުރަތަމަ މެޗު ރެއަލް މެޑްރިޑަށް 50 ނަމްބަރު ޖާޒީގައި ކުޅުމުން އެތައް ބަޔަކަށް ހައިރާން ކަމެއް ލިބިގެން ގޮސްފައި ވާއިރު އެއީ އިންސާނުން އެންމެ ފުރަތަމަ ހަނދަށް ދިޔަތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރި ކަމެއް ކަން ހާމަ ވެއްޖެއެވެ.

ހުކުރު ދުވަހު ބަޔާން އާއި ދެކޮޅަށް ކުޅުނު މެޗުގައި 3-1 ގެ ނަތީޖާ އަކުން ރެއަލް ބަލިވި މެޗުގައި ހަޒާޑަށް ގޯލެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެކެވެ. އެ ކްލަބަކަށް ކުޅެދިން ފުރަތަމަ މެޗުގައި 50 ނަމްބަރު ޖާޒީގައި ހަޒާޑު ފެނުން ނަމަވެސް، އޭނާ ކުޅެން ހަމަޖެހިފައި ވަނީ 23 ނަމްބަރު ޖާޒީގައި ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ވަނީ މީގެ ކުރިން ބުނެފައެވެ.

ރެއަލް އަށް ބަދަލު ވުމަށް ފަހު، ހަޒާޑު ބޭނުންވީ އޭނާ ޗެލްސީގައި ވެސް ކުޅުނު 10 ނަމްބަރެވެ. ނަމަވެސް އެ ނަމްބަރަށް އެންމެ ފަހުގެ ބެލޯންޑިއޯ ލޫކާ މޮޑްރިޗް ކުޅެމުން އަންނާތީ ދެން އޭނާ ބޭނުންވީ މީގެ ކުރިން އެ ކްލަބުގެ ތަރި ކްރިސްތިއާނޯ ރޮނާލްޑޯ ކުޅެފައިވާ 7 ނަމްބަރެވެ. އެ ނަމްބަރަށް މިހާރު ކުޅެމުން އަންނަ މަރިއާނޯ ޑިއޭޒް ވަނީ ހަޒާޑު އަށް 7 ދޭން ދެކޮޅު ހަދައިފައެވެ.
މިހާރު ކުރިއަށް ދާ ޕްރީ ސީޒަން ޓުއާގައި ރެއަލް އިން ދެން ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހު އާސެނަލް އާއި ދެކޮޅަށެވެ.