ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ހާސް ވާކަށް ނުޖެހޭ ކަމަށާއި، ޓީމު ދަނީ ސީޒަނަށް ތައްޔާރުވުމުގައި ކުރިއެރުންތަކެއް ހޯދަމުން ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލްއިން ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅެފައިވާ މެޗުތަކަށް ބަލާއިރު، އެޓީމުގެ ފަރާތުން އެންމެ އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެއެވެ. މިދިޔަ ސީޒަންވެސް އެޓީމުން ހުސް އަތާ ނިންމާލިއިރު، މި ސީޒަނަށް ސްކޮޑު ވަރުގަދަވެސް ކޮށްފައިވެއެވެ. އެޑެން ހަޒާޑް ފަދަ ތަރިން ޓީމަށް ގެންގޮސްފައިވާއިރު، އެ ކުޅުންތެރިންގެ ތަފާތު އަދި ފެނިފައެއް ނުވެއެވެ.

ވާދަވެރި އެތުލެޓިކޯއާ ދެކޮޅަށް ކުޅެ، 7-3 އިން ބަލިވިއިރު، ރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އޯޑީ ކަޕްގައި ރޭ ކުޅުނު މެޗުން ރެއާލް ބަލިވިއިރު، މެޗުގައި މުޅިން ކަހަލަ ގޮތަކަށް މޮޅަށް ކުޅުނީ ޓޮޓެންހަމްއިންނެވެ. ކޭލޯ ނަވާސްގެ ގިނަ ސޭވްތަކެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި ބޮޑު ބައްޔަކުން ބަލިވިޔަ ނުދީ ރެއާލް ސަލާމަތް ކޮށްދިނީ ކޭލޯއެވެ.

މެޗަށްފަހު ޒިދާން ބުނެފައި ވަނީ ޓީމު އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުންދާ ކަމަށާއި، ބަލިވުމުން މާޔޫސްވާ ނަމަވެސް، ސަޕޯޓަރުން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.

" ކުރީ މެޗަށްވުރެ ޓީމު ރަނގަޅު. މިހާރު މިދަނީ ތައްޔާރުވަމުން، ކުރިންއެރުންތައްވެސް އެބަ ފެނޭ. އަހަރެންވެސް ބަލިވުމުން ހިތްހަމައެއް ނުޖެހޭ. ކުރިއަށް އޮތީ ދިގު ސީޒަނެއް. އަދި ސަޕޯޓަރުން މާޔޫސްވާކަށް ނުޖެހޭ. ވަރަށް ޕޮސިޓިވްކޮށް މި ދެކެނީ،" ޒިދާން ބުންޏެވެ.

އަނިޔާގެ ސަބަބުން ބޭލް ޓީމާއެކު ދަތުރު ކޮށްފައިނުވާއިރު، ޗައިނާ ލީގަށް ދިޔުމަށް ބޭލް ކުރަމުން އައި މަސައްކަތް ރެއާލް ވަނީ ހުއްޓުވާފައެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން ޒިދާން ވާހަކަ ދައްކާފައެއް ނުވެއެވެ. ޒިދާން ބުނީ ބޭލް ޓީމާއެކު ދަތުރު ނުކުރީ އަނިޔާގެ ސަބަބުން ކަމަށެވެ.