އެފްރިކަން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ދެޓީމުންވެސް ފައިނަލްގެ ދެވަނަ ލެގު އަލުން ކުޅެން ބޭނުންވެފައި ވަނިކޮށް، އެ ފައިނަލް އަލުން ނުކުޅެވޭނެ ކަމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން ނިންމައިފިއެވެ.

ޓިއުނީޝިއާގެ އެސްޕެރަންއާއި މޮރޮކޯގެ ވައިޑާޑް ކަސަބްލަންކާވެސް ފައިނަލްގެ ދެވަނަ ލެގު އަލުން ކުޅުމަށް އެފްރިކާގެ ފުޓުބޯޅަ އިދާރާއަށް ހުށަހަޅާފައިވާއިރު، ދެޓީމުންވެސް ފައިނަލް އެންމެ އިންސާފުވެރިކޮށް ނުދިޔަ ކަމަށް ގަބޫލުކޮށްފައިވެއެވެ.

މެޗުގައި ވައިޑާޑް ޖެހި ގޯލެއް، ގޯލެއް ނޫން ކަމަށް ރެފްރީ ނިންމާ، އެ ނިންމުން ރިވިއުކުރަން ދިޔައިރު، ވީއޭއާރް މައްސަލަ ޖެހިފައި ހުރުމުންވެސް ބޮޑު ހައިޖާނު ގަނޑެއް ހިނގާ، ގިނަ ވަގުތުތަކަކަށް މެޗު ޑިލޭވެސް ވެގެންދިޔައެވެ. ފުރަތަމަ ލެގުގެ ނަތީޖާއަށް ބަލާއިރު، ޓިއުނޭޝިއާގެ އެސްޕަރެންސް 2-1އިން ކުރީގައި އޮތުމުން ތަށި ދީފައި ވަނީ އެޓީމަށެވެ.

ޖޫން މަހު އެއްވަނަ ދުވަހު ކުޅުނު ފައިނަލްގެ ދެވަނަ ލެގުގެ މެޗު ނިމިގެން ދެގަޑިއިރެއްހާއިރު ފަހުން ތަށި ދީފައިވާއިރު، އެފްރިކާގެ ފުޓުބޯޅައިގެ މައި އިދާރާއިން ނިންމީ ނިއުޓްރަލް ދަނޑެއްގައި އަލުން މެޗު ކުޅުމަށެެވެ. އެއީ ޓިއުނީޝިއާގައި މެޗު އަލުން ކުޅޭނެ މާހައުލެއް ނެތް ކަމަށް ބުނެއެވެ. ކޯޓް އޮފް އާބިޓްރޭޝަންއިން ބުނެފައި ވަނީ މެޗުގައި މައްސަލަތައް ކުރިމަތިވި ނަމަވެސް، އެ މެޗު އަލުން ކުޅުމުގެ އެއްވެސް އުސޫލެއް ނޯންނާނެ ކަމަށެވެ.