އިނގިރޭސި ކްލަބު އާސެނަލްއިން ކްލަބު ރެކޯޑު އަގަކަށް ލިލްގެ މިޑްފީލްޑަރު ނިކޮލަސް ޕެޕޭގެ ސޮއި ހޯދައިފިއެވެ.

އައިވޮރީ ކޯސްޓްގެ މިޑްފީލްޑަރު ޕެޕޭ އާސެނަލަށް ބަދަލުވެފައި ވަނީ 72 މިލިއަން ޕައުންޑަށެވެ. އުމުރުން 24 އަހަރުގެ ޕެޕޭ އާސެނަލްއަށް ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އާސެނަލްއިން ޕެޕޭ ސޮއިކުރިކަން ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު، ޕެޕޭއަކީ މިދިޔަ ސީޒަންގެ ލީގު 1ގައި ވިދާލި ކުޅުންތެރިއެކެވެ.

ޕެޕޭ ވަނީ ލީގު 1ގައި ލިލްއަށް ކުޅުނު 74 މެޗުން 35 ގޯލް ޖަހާފައެވެ. ދުވެލި ބާރު ޕެޕޭ ލިލްއަށް ސޮއިކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ.

އާސެނަލްއާ ގުޅުމަށްފަހު ޕެޕޭ ބުނެފައި ވަނީ ކެރިއަރު ބިނާ ކުރުމަށް ވަރަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިވެފައިވާ ކަމަށާއި، އާސެނަލް ފަދަ ބޮޑު ކްލަބަކަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ޕެޕޭއަކީ މިހާރު ޕްރިމިއާ ލީގުގައިވެސް ހަތަރުވަނައަކަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. ޔުނައިޓެޑުން 89 މިލިއަން ޕައުންޑާއެކު ޕައުލް ޕޮގްބާ ގެންދިޔައިރު، އެޓީމުން ލުކަކާކޫ ގެންދިޔައީ 75 މިލިއަން ޕައުންޑެވެ. އަދި ލިވަޕޫލުން މިިދިޔަ ސީޒަންގައި އެޓީމުގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ގެންދިޔައީ 75 މިލިއަން ޕައިންޑެވެ.