މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޔޫތް ޓީމުން އިންޑިއާގައި ކުރިއަށްދާ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ތަށި އުފުލާލައިފިއެވެ.

އިންޑިއާގެ އެންމެ ވަރުގަދަ ޒުވާން ޓީމުތަކުން ކުޅުނު މުބާރާތުގެ ފައިނަލްގައި ބެންގަލޫރު އެފްއޭ 3-1 އިން ބަލިކޮށް، މާޒިޔާއިން ވަނީ ތަށި ރާއްޖެ ގެނެސްދީފައެވެ.

ބެންގަލޫރު އެފްސީއަކީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ ކްލަބެވެ. އެ ކްލަބުގެ ޖޫނިއާ ޓީމު ބަލިކޮށް، މާޒިޔާއިން ތަށި ނެގިއިރު، ބެންގަލޫރަކީ ސަރަހައްދީ މުބާރާތްތަކުގައިވެސް އެެންމެ ވަރުގަދަ އެއް ކްލަބެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ޒުވާން ޓީމަކުން ފަހަކަށް އައިސް ހޯދި އެންމެ ވަރުގަދަ އެއް ކާމިޔާބީއެވެ.

މާޒިޔާއިން ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި އިންޑިއާގެ ޗެންނާއިޔެން އެފްސީ 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

އިންޑިއާ ފުޓުބޯޅައިގައި އެންމެ ވަރުގަދަ އެއް ނަން، ޗެންނާއިޔެން އެފްސީގެ ސީނިއާ ޓީމަކީ ސުޕަ ލީގު ޗެމްޕިއަނުންނެވެ. އިންޑިއާގެ އެކަޑެމީތައް އާންމުކޮށް ވަރުގަދަކޮށް، ވަސީލަތްތައްވެސް ތަނަވަސްކޮށް ފެންނައިރު، މާޒިޔާއިން ހިތްވަރާއެކު މި ދެއްކި ކުޅުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ހޯދައިދިން ފަހުރެކެވެ. ރާއްޖޭގެ ކްލަބުތަކުގެ އެކަޑެމީވެސް ތަފާތު ތަކެއް ދެއްކި ދާނެކަން މާޒިޔާއިން ވަނީ ސާބިތުކޮށްދީފައެވެ.

ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުން މާޒިޔާ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ރިލަޔަންސް އެކަޑެމީއާ ދެކޮޅަށް ކުޅެ މާޒިޔާ ބަލިވި ނަމަވެސް، އެ މެޗުގައިވެސް މާޒިޔާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ މެޗުގައި ފަސްޓް ކިކް އެސްއެސްއޭއާ ވާދަކޮށް، މާޒިޔާއިން 6-0އިން މޮޅުވިއިރު، ސެމީއަށް ދަތުރުކުރީ ސްޕޯޓްސް ނޭޝަން އަތުން މޮޅުވެގެންނެވެ.

2017ވަނަ އަހަރު އެންމެ ފުރަތަމަ ބޭއްވި އޮންޓަނޭޝަނަލް ކަޕް އޮފް ޖޯއީއަކީ އަހަރަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތަކީ އިންޑިއާގެ ޔޫތް ޓީމުތަކުގެ ވާދަވެރިކަން އިތުރުކޮށް، އެ ކުޅުންތެރިންނަށް ތަޖުރިބާ ހޯދައި ދިނުމުގެ ގޮތުން ބާއްވާ މުބާރާތަކެވެ.

އިންޑިއާ އަކީ ދުނިޔޭގެ ފުޓްބޯޅާގައި މިހާރު އެންމެ ބާރަށް ކުރި އަރަމުން އަންނަ އެއް ޤައުމު ކަމުގައި ވާއިރު، މާޒިޔާގެ ޔޫތް ކުޅުންތެރިންނަށް މި މުބާރާތުގެ ސަބަބުން ބޮޑެތި ފައިދާ ތަކެއް ލިބިގެން ދާނެއެވެ. އެފްއޭއެމް އިން 14 އަހަރުން ދަށުގެ ފުޓްބޯޅަ ލީގެއް ފެށުމަށް ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި، މި މުބާރާތުގެ ސަބަބުން މާޒިޔާގެ ޓީމު، ޔޫތް ލީގުގައި ވާދަ ކުރާ އެހެން ޓީމު ތަކަށް ވުރެން ތަޖުރިބާގެ ގޮތުން މޮޅުވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަމިޔޮކާކަ

    ގަނެލިކަމައްވަނީ

    4
    20
  2. ޕްރޯ

    މަރުހަބާ މާޒިޔާ ސްޕޯޓްސް ކްލަބަށް. ސާބަސް މާޒިޔާގެ އިސްވެރިންނަށް.

    29
  3. މަހުރެން

    ސާބަހޭ ދަރިންނޭ.. ފުޓުބޯޅަ ދަށް ވަނޔާ ދެރަ ވާނެ. ޟިހާރު ވ އުފާވެއްޖެ