ބާސެލޯނާގައި އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި އެހެން ކުލަބަކަށް ދިޔުމުގެ ވިސްނުން ނުގެންގުޅޭކަމަށް ބާސެލޯނާގެ ފަހަތަށް ކުޅެމުންދާ ސެމިއުލް އުމެޓިޓީ ބުނެފިއެވެ.

އޭނާ މިހެން ބުނެފައި މިވަނީ އިގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން އެހެން ވެސް ގިނަ ކުލަބްތަކުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދާ ވަގުތެއްގައެވެ.

"އަހަރެންނަށް އެގޭ އަހަރެން ބޭނުންވެގެން ކުލަބްތަކުން ގެންދަން އުޅޭކަން. އެކަމަކު އަހަރެން ބާސެލޯނާގައި މިހުރީ ވަރަށް އުފަލުން. އަހަރެން ބާސެލޯނާ ދޫކޮށްދާ މަންޒަރެއް އަދި އަހަރެންނަށް ނުފެނޭ." އުމެޓިޓީ ބުނެފައިވެއެވެ.

އެހެން ކުލަބަކަށް ދިޔުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށާއި ބޭނުންވަނީ ބާސެލޯނާއާއި އެކު ގިނަ ކާމޔާބީތަކެއް ހޯދުން ކަމަށް އޭނާ ބުނެއެވެ. ބާސެލޯނާއާއި އެނާ ގުޅުނު ފަހުން އޭނާއަކީ ބާސެލޯނާގެ ފަހަތުގައި އެންމެ މުޙިއްމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިޔާއެވެ.

އުމެޓިޓީ ބުނީ ކޮންމެ މީހަކުވެސް ކުލަބް ބަދަލު ކުރާނެ ހާލަތެއް އައިސްދާނެ ކަމަށާއި އެދުވަހަކުން އޭނާވެސް އި ނިންމުން ނިންމާނެ ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ ވިސްނުމެއް ހުރީ ބާސެލޯނާގައި އޭނާ ކުޅޭ ކުޅުން އިތުރަށް ރަނގަޅުކޮށް މޮޅު ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކުމަށް ކަމަށެވެ.

ބާސެލޯނާއިން އުމެޓިޓީގެ ބައިއައުޓް ކުލައުސް އަކަށް 60 މިލިޔަން ޔޫރޯ ކަޑައަޅާފައިވާއިރު އެ އަގަކީ މިހާރު އުމެޓިޓީ އެހެން ކުލަބަކަށް ގެންދިޔުމަށް ބޮޑު އަގެއް ނޫން ކަމަށް ގިނަ މީހުން ބުނެއެވެ.