އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީ ލަދުގަންނަވާލައިފިއެވެ.

މިރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗުގައި ޗެލްސީގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދީ، 4-0ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަކީ ޗެލްސީގެ ކޯޗުކަމާ، އެޓީމުގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ހަވާލުވިފަހުން، އެޓީމުން ކުޅުނު ފުރަތަމަ ވާދެވެރި މެޗެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީއާއެކު އެތައް ކާމިޔާބީއެއް ހޯދާފައިވާ ލަމްޕާޑް ކްލަބާ ހަވާލުވީ މި ސީޒަނަށެވެ. އޭނާއަށް އެންމެ ބޮޑު ޗެލެންޖަކަށް ކުރިމަތީ ޗެލްސީގެ ޓްރާންސްފާ ބޭންއެވެ. އެޑެން ހަޒާޑާއި ޑޭވިޑް ލުއިޒްވެސް ކްލަބު ދޫކޮށްލާފައިވާއިރު، އެތަން ފޫބައްދަން ޗެލްސީއަށް ކުޅުންތެރިއެއް ނުގެނެވުނީ ޓްރާންސްފާ ބޭންގެ ސަބަބުންނެވެ. އެހެން ނަމަވެސް މިދިޔަ ސީޒަންގައި ޗެލްސީގައި ލޯންގައި ހުރި ކޮވަސިޗާއި، މިދިޔަ ޓްރާންސްފާ ސީޒަންގައި ގަނެފައި ލޯނަށް ދޫކޮށްފައި ހުރި ޕުލިސިޗް މި ސީޒަނަށް ޗެލްސީއާ ގުޅިފައިވެއެވެ.

މިރޭގެ މެޗަށް ޗެލްސީ ނެރުނު ފުރަތަމަ 11ގައި ޕުލިސިޗާއި ކަންޓޭވެސް ހިމަނާފައިނުވާއިރު، އެތަން މެޗުގައި ފެނިގެންވެސް ދިޔައެވެ. ފުރަތަމަ ކޮޅުގައި ޗެލްސީގެ ކުރިން މޭސަން މައުންޓާއި މެދުތެރެއިން ބާކްލޭ ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދި ނަމަވެސް ވަކި ހިސާބަކުން ޔުނައިޓެޑް ވަނީ މެޗު ކޮންޓްރޯލް ކޮށްފައެވެ.

ޔުނައިޓެޑުން ޖެހި ފުރަތަމަ ގޯލް ރަޝްފޯޑް ޕެނެލްޓީއަކުން ކާމިޔާބު ކުރިއިރު، ދެވަނަ ހާފް ފެށިގެން މާގިނައިރެއް ނުވެ، މާޝިއަލް ވަނީ ލީޑު ފުޅާކޮށްދީފައެވެ. މާޝިއަލްގެ ގޯލަށް ދެތިން މިނެޓްފަހުން ރަޝްފޯޑު އޭނާގެ ދެވަނަ ގޯލެއްވެސް ޖެހިއެވެ. ޔުނައިޓެޑްގެ ފަހަތަށް އަލަށް ގުޅުނު ވެން ބިސާކާއާއި މެގެއާއެކު ޔުނައިޓެޑް ވަރުގަދަކޮށް ފެނުނުއިރު، ހަތަރުވަނަ ގޯލެއް ޖަހާ ޗެލްސީ ލަދުގަންނަވާލީ ޑެނިއަލް ޖޭމްސްއެވެ.