އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ކުޅުނު ދެވަނަ މެޗުގައި ލެސްޓާ ސިޓީއާ އެއްވަރު ވެއްޖެއެވެ.

މިރޭގެ މެޗަކީ ޗެލްސީގެ ކޯޗު ކަމުގައި ހުރި ކްލަބު ލެޖެންޑް ފްރޭންކް ލަމްޕާޑްގެ ފުރަތަމަ ހޯމް މެޗެވެ. ޗެލްސީގައި ކުޅުންތެރިއެއްގެ ގޮތުގައި 13 އަހަރު ހޭދަކުރި ލެމްޕާޑުގެ އެނބުރި އައުމަށް ސަޕޯޓަރުން ފުރިހަމައަށް ތައްޔާރުވިވެސް މެއެވެ. މުޅި ދަނޑުގެ ވަށައިގެން އޭނާއަށް ހާއްސަ ބެނާތައް ދަމާފައިއޮތެވެ. މިރޭގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ލަމްޕާޑް ޗެލްސީގެ ކޯޗުކަމާ ހަވާލުވިފަހުން އެޓީމު ކުޅުނު ތިން މެޗުންވެސް މޮޅެއް ނުހޯދިވާއިރު، ކޮންމެ މެޗެއްގައިވެސް ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނަކަން ފާހަގަކޮށްލެވެއެވެ. ހާއްސަ މި ހަފްތާ ތެރޭގައި އެޓީމުން ލިވަޕޫލާ ދެކޮޅަށް ކުޅުނު ސުޕަ ކަޕް މެޗުގައި ޗެލްސީ ފެނުނީ ތަފާތު މޮޅުކޮށެވެ. އެ މެޗުގެ ވަރުބަލިކަން ކުޅުންތެރިން ކިބައިން ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް، މެޗު ވަރުގަދައަށް ފެށީ ޗެލްސީންނެވެ.

މެޗުގެ ކުރީކޮޅުގައި އޮލިވިއާ ޖިރޫޑާއި ޕެޑްރޯގެ އިތުރުން މޭސަން މައުންޓްގެ ހަމަލާތައް ފެނުނިއިރު، ޗެލްސީން ހަތްވަނަ މިނެޓުގައި ލީޑު ނެގިއެވެ. ލީޑު ނަގައިދިނީ ޗެލްސީގެ އެކަޑެމީން ވިދާލި، އަރަމުން އަންނަ 20 އަހަރުގެ މިޑްފީލްޑް ތަރި މައުންޓެވެ. ލެސްޓާގެ އެންޑީޑީ އަތުން ބޯޅަ ހޯދާ، އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވައްދާލީ ތިރިތިރީންނެވެ.

ފުރަތަމަ ހާފްގައި ޗެލްސީން ރަނގަޅަށް ކުޅުނުއިރު، ހާފް ނިމެން ދަނިކޮށް އެންގޯލޯ ކަންޓޭއަށް އިތުރު ފުރުސަތެއް ލިބި ބޭކާރުވިއެވެ. ދެވަނަ ހާފަށް ނުކުމެ ލެސްޓާއިން މެޗުގެ އޮއެވަރު ބަދަލުކޮށްލިއެވެ. ރަނގަޅަށް ކުޅެ، ހަމަލާތައްވެސް ގިނަ ކުރިއެވެ. މެޑިސަންއާއި ވާޑީގެ ނުރައްކާ ޗެލްސީއަށް ބޮޑުވިއިރު، އެ ދެކުޅުންތެރިންގެ ހަމަލާތައްވެސް ދިޔައީ ކިރިޔަ ކިރިޔާއެވެ.

ލެސްޓާއިން އެއްވަރުކުރީ 67 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުންނެވެ. ކޯނަރު ބޮލުން ގޯލަށް ވައްދާލީ ނައިޖީރިއާގެ އެންޑީޑީއެވެ. އޭގެފަހުން ނިމެން ދަނިކޮށް ވާޑީއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ.