ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ފަހަތުން އަރާ 1-2 އިން ސްޕެއިންގެ ސެވިއްޔާގެ މައްޗަށް ބަޔާން މިއުނިކުން ކުރި ހޯދައިފިއެވެ.

ރޭގެ މެޗުގެ ކުރީކޮޅު ސެވިއްޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 19 ވަނަ މިނެޓްގައި ލީޑު ނަގަން މުޅިސް ހުސް ފުރުސަތެއް އެޓީމަށް ވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް ބަޔާންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ސަރާބިއާ ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

މި ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި ސަރާބިއާ ވަނީ ސެވިއްޔާ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މި ގޯލު ކާމިޔާބުކުރިތާ ހަތަރު މިނެޓްފަހުން ބަޔާން އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ބަޔާންގެ މި ގޯލަކީ ސެވިއްޔާގެ ޖީސެސް ނަވާސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ބަޔާން އިން ދިޔައީ ލީޑު ނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރިބެރީ ނަގައިދިން ހުރަހަކުން މެޗުގެ 68 ވަނަ މިނެޓްގައި ތިއާގޯ ވަނީ ބަޔާން އަށް ލީޑު ނަގާދީފައެވެ.

މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ވެސް ބަޔާން އަށް ފުރުސަތުތަކެއް ލިބިފައިވާއިރު ސެވިއްޔާ އިން ވެސް ވަނީ ބަޔާންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އެންޒޮންޒީ ފޮނުވާލި ހަމަލާ ބަޔާންގެ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ސަންޑްރޯ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ބަޔާންގެ ކީޕަރު އުލްރައިޗްއެވެ.

ރޭގެ މެޗުން ބަޔާން މޮޅުވިއިރު މިއީ 2013 ވަނަ އަހަރަށްފަހު ސްޕެއިންގައި ކުޅެ ބަޔާން އަށް ހޯދުނު ފުރަތަމަ މޮޅެވެ. އެންމެފަހުން ސްޕެއިންގައި ކުޅެ ބަޔާން އިން ކުރި ހޯދާފައިވަނީ ބާސެލޯނާގެ މައްޗަށެވެ.

ބަޔާންގެ ދަނޑުގައި ސެވިއްޔާ އާއި ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުއެވެ.