ޖަރުމަނުގެ ބަޔާން މިޔުނިކުން އިނގިރޭސި ފޯވާޑް ހެރީ ކޭން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ބަޔާއިން ހަތް ކުޅުންތެރިއެއް ވިއްކާލުމަށް ނިންމައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ ސީޒަނުގައި އިނގިރޭސި ކުލަބް ލިވަޕޫލުން ބަޔާންއަށް ބަދަލުވި ސާދިއޯ މާނޭ އާއި އެކު ހަތް ކުޅުންތެރިއެއް ވިއްކާލުމަށް ނިންމާފައި ވަނީ ކޭން ހޯދުމަށް ދައްކަން ޖެހޭ އަގު ހަމަކުރުމަށެވެ.

އެންމެ ފަހުން ބަޔާންއިން ކޭން ހޯދުމަށް ހުށައެޅި 70 މިލިއަން ޕައުންޑުގެ ބިޑުވެސް ވަނީ ޓޮޓެންހަމްއިން ބަލައިނުގަނެ އަނބުރާ ފޮނުވާލާފައެވެ. ޓޮޓެންހަމްއިން ބުނާ ގޮތުން 120 މިލިއަން ޕައުންޑަށް ކޭން ހޯދި ދާނެއެވެ. އެހެންކަމުން ބަޔާންއިން މާނެ ވިއްކާލުމަށް ނިންމާފައި ވަނީ ނުއަގުގައެވެ. 17 މިލިއަން ޕައުންޑަށް މާނޭ ވިއްކާލަން ނިންމި އިރު، މިއީ ލިވަޕޫލުން މާނޭ ގަތުމަށް ބަޔާން ހޭދަކުރި އަދަދަށްވުރެ ދެ ގުނަ ކުޑަ އަދަދެކެވެ.

ބަޔާން މިޔުނިކުން ވިއްކާލަން ނިންމި ކުޅުންތެރިންގެ ތެރޭގައި ބެންޖަމިން ޕަވާޑް އާއި ދެ ކީޕަރު ކަމަށްވާ އެލެގްޒެންޑާ ނުބެލް އާއި ޔަން ސޯމާ ފަދަ ކުޅުންތެރިން ހިމެނެއެވެ. އެހެން ނަމަވެސް ކޭންގެ ކުރިމަގާއި މެދު އަދި ގޮތެށް ނުނިންމާއިރު، ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން އެކަމުގައި މިއަދު ޓޮޓެންހަމްގެ އައު ކޯޗާއި އެކު ކޭން މަޝްވަރާ ކުރާނެއެވެ.

ބަޔާން އިން ވަނީ ކޭން ހޯދުމަށް މިހާތަން ދެބިޑެއް ހުށައަޅާފައެވެ. އެހެން ނަމަވެސް ޓޮޓެންހަމްއިން ހިންހަމަ ޖެހޭ އަގެއް އަދި މިހާތަނަށް ހުށައެޅިފައި ނުވާއިރު، މި ހަތް ކުޅުންތެރިން ވިއްކާލައިގެން ކޭން ހޯދުމުގެ ފުރުސަތު ބޮޑު ވާނެ ކަމުގައި މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބަޔާންއަށް ކުޅެދިން 25 މެޗުން މާނޭ ވަނީ 7 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް ލިވަޕޫލުގައި ކުޅުނު 196 މެޗުން 90 ގޯލު މާނޭ ވަނީ ކާމިޔާބުކޮށްދީފައެވެ،