ޕްރިމިއާ ލީގު ޗެލްސީ އަށް ކުޅެމުން އަންނަ ފޯވާޑް ކައި ހަވާޓްޒް ހޯދުމަށް ޖަރުމަނުގެ ބަޔާން މިއުނިކާއި އިނގިރޭސި ވިލާތުގެ އާސެނަލް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ހަވާޓްޒް ވިއްކާލަން ޗެލްސީން ބޭނުން ވަނީ 70 މިލިއަން ޕައުންޑަށެވެ. އެކަމަކު، އެ އަގު ބޮޑު ކަމުން އާސެނަލް އާއި ބަޔާންއާ މެދު ކުރަމުން ދިޔަ މަޝްވަރާތައް އޮތީ ހުއްޓިފައެވެ.

ހަވާޓްޒް ގެންދިއުމަށް އާސެނަލް އިން ބިޑެއް ވެސް ކުރިއެވެ. އެކަމަކު، އެ ބިޑް ޗެލްސީން ބަލައިގެންފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ހަވާޓްޒް ހުރީ އާސެނަލް އަށް ބަދަލުވާން ތައްޔާރަށެވެ.

އާސެނަލްގެ އެންމެ ބޮޑު އަމާޒަކަށް ހަދާފައި ހުރީ ވެސްޓްހަމް ޔުނައިޓެޑްގެ މިޑްފީލްޑަރު ޑެކްލަން ރައިސް، އެ ޓީމަށް ގެނައުމަށެވެ. ޑެކްލަން ރައިސް ގެނައުމަށް އާސެނަލް އިން 100 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އާސެނަލް އިން އިތުރު ޑީލެއްގެ މަސައްކަތް ކުރާނީ ޑެކްލަން ރައީސް، އެ ޓީމަށް ގެނެވޭ ވަރު ވެއްޖެ ނަމައެވެ.

ވެސްޓްހަމް އިން ވަނީ 2025 ގެ ކުރިން 100 މިލިއަން ޕައުންޑް ލިބުމަށެވެ. އަދި އެ ފައިސާ ދެ ފަހަރެއްގެ މަތިން ދައްކައި ހަލާސް ކުރެވުނަސް މައްސަލައެއް ނެތް ކަމަށް ވެސްޓްހަމް އިން ބުނެއެވެ.

އާސެނަލް އިން އަންނަނީ ފޯވާޑެއްގެ އިތުރުން ޑިފެންޑަރެއް ވެސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޗެލްސީން ހަވާޓްޒް އަށް އާ ކޮންޓްރެކްޓެއް ހުށަހަޅާ އިރު، އޭނާ އަށް ދޭ މުސާރަ ބޮޑު ތަނުން ކުޑަ ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އުމުރުން 24 އަހަރުގެ ހަވާޓްޒް މިވަގުތު ހުރީ ޖަރުމަނުގެ ގައުމީ ޓީމާ އެކުގައެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ޗެލްސީ އަށް ހަތް ލަނޑު ޖަހައި ދީފައެވެ.