އިޓަލީގެ ނަޕޯލީ އަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ ކިމް މިން ޖޭ، ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރިޒިއޯ ރޮމާނޯ ކުރި ޓުވީޓެއްގައި ބުނީ ބަޔާން އާއި ކިމް އާ ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ފަސް އަހަރުގެ މުއްދަތަކަށް ކިމް، ބަޔާންއާ ގުޅޭނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ބަޔާނުން މިހާރު ޖެހޭނީ ކިމް ވިއްކާލުމަށް ނަޕޯލީން ކިޔާ އަގު ދޭށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ނަޕޯލީން ކިމް ވިއްކާލުމަށް ހަމަޖެހިފައި ވަނީ 50 މިލިއަން ޕައުންޑް ހުށަހަޅައިފި ނަމައެވެ. ކިމްގެ ސޮއި ހޯދުމަށް މީގެކުރިން މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ މަސައްކަތްކޮށްފައެވެ.

ނަމަވެސް، އުމުރުން 26 އަހަރުގެ ޑިފެންޑަރު ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ބިޑްކޮށްފައެއް ނުވެއެވެ. އެކަމަކު، ކިމް ގެންދިއުމަށް ޔުނައިޓެޑުން ނަޕޯލީއާ އެކުގައި ވާހަކަ ދެއްކި ކަން އެނގިފައިވެއެވެ.

ކިމްއަކީ މިހާރު ދުނިޔޭގައި ތިބި އެންމެ މޮޅެތި ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާއެވެ.

ނަޕޯލީއަށް ކުޅެމުންދާ ކިމްއަށް ބަޔާންއިން ޝައުގުވެރިކަން ފާޅުކުރަމުންދަނީ އެ ކްލަބްގެ ކުޅުންތެރިޔާ ލޫކަސް ހާނަންޑޭޒް ފްރެންޗް ލީގްގެ ކްލަބް ޕީއެސްޖީއަށް ބަދަލުވެދާނެ ކަމަށް ލަފާކުރެވޭތީއެވެ. ކިމް ހޯދުމަށްޓަކައި ބަޔާންއިން އަހަރެއްގެ މައްޗަށް 8.5 މިލިއަން ޕައުންޑްގެ މުސާރައެއް ދޭން ތައްޔާރަށް ހުރި ކަމުގައި ރިޕޯޓްތައް ބުނެއެވެ.

ތުރުކީގެ ފެނަބާޗޭއަށް ކުޅުނު ކިމް ނަޕޯލީއާއި ގުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެއަށްފަހު، އޭނާ ވަނީ ނަޕޯލީއަށް އިޓަލީ ލީގް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ އެ ލީގުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމްވެސް ހާސިލުކޮށްފައިއެވެ. ކިމްއާ އެކުގައި ނަޕޯލީން ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖުލައި މަހުގައި ހަމަވާނެއެވެ.