މެންޗެސްޓަރ ސިޓީ އަކީ މޮޅު ޓީމެއް ކަމަށާއި ނަމަވެސް އެޓީމު ބަލިކުރެވޭނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ސިޓީ އާއި ދެކޮޅަށް ލިވަޕޫލް ނިކުންނައިރު މި ސީޒަނުގައި މި ދެ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން މިހާތަނަށް ބައްދަލުކޮށްފައެވެ.

އެގޮތުން ޕްރިމިއަރ ލީގުގައި ކުޅުނު އެ ދެ މެޗުގެ ތެރެއިން އެއް މެޗު ސިޓީ އިން ކާމިޔާބުކުރިއިރު އަނެއް މެޗު ކާމިޔާބުކުރީ ލިވަޕޫލް އިންނެވެ. މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ސިޓީ މިހާތަނަށް ބަލިވީ ހަމައެކަނި ލިވަޕޫލް އަތުންކަން ފާހަގަކޮށްލެވެއެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ކްލޮޕް ބުނީ ލިވަޕޫލް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި އެހެންކަމުން ސިޓީ ވެސް ބަލިކުރުމުގެ ފުރުސަތު އެޓީމަށް އެބައޮތް ކަމަށެވެ.

"އަހަރުމެން ކުއާޓާފައިނަލަށް މިއައީ އޮޅުމަކުންނެއް ނޫން. އަހަރުމެން މިހާ ހިސާބަށް މިއައީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން. މި ސީޒަނުގަ އަހަރުމެން އެއް ފަހަރު ވާނީ ސިޓީ ބަލިކޮށްފަ. އެ މެޗުގަ ކުރިން ވެސް އަހަރުމެންނަށް އިނގޭ ސިޓީ ބަލި ކުރެވިދާނެކަން. އަދި އެއީ ކިހާވަރެއްގެ އުނދަގޫ ކަމެއްކަން ވެސް އަހަރުމެންނަށް އޭރުވެސް އިނގޭ. މިރޭ ވެސް އެކަން އޮތީ ހަމަ އެގޮތަށް. ސިޓީ އަކީ މޮޅު ޓީމެއް. އެކަމަކު އަހަރުމެންނަށް އެޓީމު ބަލިކުރެވޭނެ" ކްލޮޕް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި ފަސޭހަ އެއްވެސް ޓީމަކާއި ނުޖެހޭނެކަން ފާހަގަކުރަމުން ކްލޮޕް ބުނީ މިރޭގެ މެޗަށް ކުޅުންތެރިން ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި މުބާރާތުގައި ދެވެން އޮތް އެންމެ ދުރަކަށްދާން ބޭނުންވާ ކަމަށެވެ.

"މިރޭގެ މެޗުގައި ކުރަންޖެހޭ ކަންތައްތައް ވަރަށް ރަނގަޅަށް އަހަރުމެންނަށް އިނގޭ. މުހިއްމީ އެ ކަންތައްތައް އެނގުމެއް ނޫން. މުހިއްމީ ދަނޑު މަތީގަ އެކަންކަން ކުރުން. މިރޭ އަހަރުމެން މި ނިކުންނަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ މޮޅު އެއް ޓީމާއި ދެކޮޅަށޭ ބުނަމަކުން ދޮގަކަށް ނުވާނެ. މި މެޗުގަ އަންނަ ހުރިހާ ހާލަތަކާއި ވެސް ކުރިމަތިލާން ކުޅުންތެރިން ތިބެންޖެހޭނީ ތައްޔާރަށް. ޑިފެންސް ކުރާއިރު ވެސް އަދި އެޓޭކް ކުރާއިރު ވެސް 100 ޕަސެންޓް ކުޅުންތެރިން ދޭންޖެހޭނެ" ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ ދަނޑުގައި މި މެޗު ކުޅޭއިރު 2003 ވަނަ އަހަރަށްފަހު ލިވަޕޫލްގެ ދަނޑުގައި ކުޅެ އެޓީމުގެ މައްޗަށް ސިޓީ އަށް ކުރި ހޯދިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ލިވަޕޫލްގެ ޑިފެންޑަރު މަޓިޕް އާއި އެޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ އެމްރޭ ޗޭންގެ އިތުރުން އެޑަމް ލަލާނާ އަށް ނުކުޅެވޭނެއެވެ.

ލިވަޕޫލް އާއި ސިޓީ ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 23:45 ގައެވެ.