ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ލިވަޕޫލް އާއި ދެކޮޅަށް މެޗުގައި އަނިޔާގެ ސަބަބުން މެންޗެސްޓަރ ސިޓީގެ އިތުބާރު ފޯވާޑް ސާޖިއޯ އަގުއެރޯ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

އަގުއެރޯގެ ފަޔަށް އަނިޔާވެފައިވަނީ މިދިޔަ މަހުގެ ކުރީކޮޅު ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށެވެ. އެ އަނިޔާ އިން ރަނގަޅުވެ މިރޭގެ މެޗަށް އަގުއެރޯ ފިޓުވާނެ ކަމަށް ކުރިން އޮތީ ބެލެވިފައެވެ.

ނަމަވެސް ސިޓީގެ ކޯޗު ގާޑިޔޯލާ ބުނީ މިރޭގެ މެޗަށް އަގުއެރޯ މުޅިން ފިޓުނުވާ ކަމަށާއި ނަމަވެސް ކުރިއަށް ވުރެ އަގުއެރޯގެ ހާލަތު މިހާރު ރަނގަޅު ކަމަށެވެ. އަގުއެރޯ ވަނީ މި ސީޒަނުގެ މިހާތަނަށް 30 ގޯލު ކާމިޔާބުކޮށްފައެވެ.

"އަގުއެރޯ ހުރީ މެންޗެސްޓަރ ގަ. ޓީމާއެކީ އޭނާ ނާދޭ. އެކަމަކު ކުރިއަށް ވުރެ އަގުއެރޯ މިހާރު ހުރީ ރަނގަޅު ހާލަތެއްގަ. އިއްޔެ ޑޮކްޓަރުން އަގުއެރޯއާ ވާހަކަދެއްކުމުން އޭނާ ބުނި އަދިވެސް މުޅިން ރަނގަޅު ނުވާ ވާހަކަ" ގާޑިޔޯލާ ބުންޏެވެ.

ލީގުގައި އަންނަ ހޮނިހިރު ދުވަހު މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗަށް އަގުއެރޯ ފިޓުވާނެތޯ ސުވާލުކުރުމުން ގާޑިޔޯލާ ބުނީ "އަހަރުމެން ޖެހޭނީ ބަލަން" ކަމަށެވެ.

އަގުއެރޯ ނެތުމުން ސިޓީގެ ކުރީގައި މިރޭ ހަރަކާތްތެރިވާނީ ބްރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއަލް ޖީސެސްއެވެ. އޭނާގެ އިތުރުން ދެން ސިޓީގެ ކުރީގައި ހަރަކާތްތެރިވާނީ ލީރޯއި ސާނޭގެ އިތުރުން ރަހީމް ސްޓާލިންއެވެ.

ގާޑިޔޯލާ ބުނީ އެ ތިން ކުޅުންތެރިންނަކީ ޒުވާން ތިން ކުޅުންތެރިން ކަމަށްވީ ނަމަވެސް އެ ކުޅުންތެރިންނާއި މެދު އެއްވެސް ވަރަކަށް ޝައްކު ނުކުރާ ކަމަށެވެ.

"މި ތިން ކުޅުންތެރިން ވަނީ މި ސީޒަނުގަ އެކި ހިސާބުތަކުގަ ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފަ. މިރޭ ކަންތައްތައް ރަނގަޅަށް ނުގޮސްފިނަމަ އެއީ މުސްތަގަބަލަށް އެ ކުޅުންތެރިންނަށް ލިބޭނެ ފިލާވަޅެއް. މިއީ އަދި ޒުވާން ކުޅުންތެރިން. މޮޅެތި ކުޅުންތެރިންނަށް ވާން ބޭނުންވާނެ ތަޖުރިބާ" ގާޑިޔޯލާ ބުންޏެވެ.

ލިވަޕޫލްގެ ކުރީގައި ހަރަކާތްތެރިވާ ތިން ކުޅުންތެރިން (މާނޭ، ފަމީނޯ، ސަލާހު) ގެ ފަރާތުން މޮޅު ކުޅުމެއް މި ސީޒަނުގައި ފެންނަމުންދިޔަ ނަމަވެސް ގާޑިޔޯލާ ވަނީ ސިޓީގެ ކުޅުމުގެ ސްޓައިލަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ވެސް ބުނެފައެވެ.

"ހުސް ޖާގަތަކެއް ލިބިއްޖެއްޔާ ލިވަޕޫލް އަށް ވުރެ ރަނގަޅަށް އެޓޭކް ކުރާނެ ޓީމެއް މިހާރު ނެތް. ސަލާހު އާއި ފަމީނޯ އާއި މާނޭ އަކީ ވަރަށް މޮޅު ކުޅުންތެރިން. އެކަން އަހަންނަށް ވެސް އިނގޭ. އަހަރުމެން ވެސް މިރޭ ކަންތައްތަކެއް ކުރެވޭތޯ ބަލާނަން. އެކަން އަހަރުމެން ކުރެވޭތޯ ބަލާނީ މީގެކުރިން ވެސް އަހަރުމެން ކުޅެމުން އައި ގޮތަށް ކުޅެގެން" ގާޑިޔޯލާ ބުންޏެވެ.

2003 ވަނަ އަހަރަށްފަހު ލިވަޕޫލްގެ ދަނޑުގައި ކުޅެ އެޓީމުގެ މައްޗަށް ސިޓީ އަށް ކުރި ހޯދިފައިނުވާއިރު މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ސިޓީ މިހާތަނަށް ބަލިވެފައިވަނީ ވެސް ލިވަޕޫލް އަތުން އެކަނިކަން ފާހަގަކޮށްލެވެއެވެ.