ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ 0-3 އިން މެންޗެސްޓަރ ސިޓީ ބަލިކޮށް މުބާރާތުގެ ސެމީފައިނަލާއި ގާތަށް ލިވަޕޫލް އިން ޖެހިލައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 12 ވަނަ މިނެޓްގައި ފަމީނޯ ދިން ޕާހަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލް އަށް ލީޑު ނަގާދީފައެވެ. މިއީ މި ސީޒަނުގައި ސަލާހު ކާމިޔާބުކުރި 38 ގޯލެވެ.

މުހައްމަދު ސަލާހު

މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ސިޓީގެ ލީރޯއި ސާނޭ އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ލިވަޕޫޕްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ފުދޭ ވަރަކަށް ހުހަށް ހުރެ ސާނޭ ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

މި ފުރުސަތުގެ ބޭނުން ސިޓީ އަށް ނުހިފުނުއިރު މެޗުގެ 21 ވަނަ މިނެޓްގައި ޗެމްބަލޭން ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ އަކުންނެވެ. އަދި ސަލާހު ނަގައިދިން ހުރަހަކުން މެޗުގެ 31 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ސިޓީ ސިއްސުވާލާފައެވެ.

މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލް އިން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ސިޓީގެ ކުޅުން ރަނގަޅު ކުރި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް އެޓީމަށް މި ހާފުގައި ވެސް ތަނަވަސް ކުރެވިފައެއް ނުވެއެވެ. އެގޮތުން މި މެޗު ސިޓީ އިން ނިންމާލީ ލިވަޕޫލްގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ފޮނުވާ ނުލެވިކަން ފާހަގަކޮށްލެވެއެވެ.

މިއީ ސިޓީ އަށް އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާ ނުލެވި މި ސީޒަނުގައި ނިންމާލަން ޖެހުނު ފުރަތަމަ މެޗުވެސް މެއެވެ.

ބޮޑު މޮޅާކާއެކު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލާއި ގާތަށް ލިވަޕޫލް ޖެހިލާފައިވާއިރު މުބާރާތުގެ ސެމީ އަށް އެޓީމު އެންމެފަހުން ދަތުރުކުރީ 2008 ވަނަ އަހަރުއެވެ. އެފަހަރު ސެމީގައި ލިވަޕޫލް ބަލިވީ ޗެލްސީއާ ވާދަކޮށެވެ.

ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.