އިޓާލިއަން ލީގުގައި ރޭ ވާދަވެރި އޭސީ މިލާން އާއި އިންޓަ މިލާން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ މެޗު އެއްވަރުވުމުން އިންޓަ އޮތީ 59 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. އޭސީ މިލާން އޮތީ 51 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ. ލީގުގެ އެއްވަނައިގައި 78 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސްއެވެ.

ރޭގެ މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް މި މެޗުގައި ލިބިގެން ގޮސްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފްގައި އިންޓަގެ މިޑްފީލްޑަރު ބްރޮޒޮވިޗް ފޮނުވާލި ދެ ހަމަލާ އެއް މިލާންގެ ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައިރު މިލާންގެ ކެޕްޓަން ބޮނޫޗީ ބޮލުން ފޮނުވާލި ހަމަލާއެއް އިންޓަގެ ކީޕަރު ހަންޑަނޮވިޗް ވަނީ ދިފާއުކޮށްފައެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު އިންޓަގެ ކެޕްޓަން އިކާޑީ އަށް މުޅިން ހުސް ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް މިލާންގެ ގޯލު ކުރިމަތީ މުޅިން ހުހަށް ހުރެ އިކާޑީ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. އޭގަފަހުން ވެސް އިކާޑީ އަށް ހަމަ މިފަދަ ހުސް ފުރުސަތެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ގޯލުޖަހާނެ މުޅިން ހުސް ދެ ފުރުސަތުގެ ބޭނުން އިކާޑީ އަށް ރޭގެ މެޗުގައި ނުހިފުނުއިރު އޭނާ ވަނީ އިޓާލިއަން ލީގުގައި އެންމެފަހުން ކުޅުނު ދެ މެޗުގައި ހަ ގޯލު ކާމިޔާބުކޮށްފައެވެ.

ލީގުގެ ތިންވަނަ އަށް އަރަން ލިބުނު ފުރުސަތު އިންޓަ އިން ނަގާލިއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ޓޮރީނޯއާއެވެ. މިލާން ނިކުންނާނީ ސަސުއޯލޯއާ ދެކޮޅަށެވެ.