ރޭ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އޭސީ މިލާން ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ 13 އަހަރު ފަހުން އިންޓަރ މިލާން އިން ކަށަވަރުކޮށްފިއެވެ.

އިންޓަ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކޮށްފައި ވަނީ 0-1ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި އޭސީ މިލާންގެ ދަނޑުގައި ކުޅުނު މެޗުވެސް އިންޓަރއިން ވަނީ 0-2ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދައިފައިވާ އިންޓަރ މިލާންއިން ފައިނަލުގައި ވާދަކުރަން ޖެހޭ ޓީމެއް އެނގޭނީ މިރޭ ރިއަލް މެޑްރިޑާއި މެންޗެސްޓަ ސިޓީ ބައްދަލު ކުރާ މެޗަށް ފަހުއެވެ. ފުރަތަމަ ލެގުގައި މި ދެޓީމު ވަނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ރޭ ކުޅެވުނު ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ އޭސީ މިލާނުންނެވެ، ގިނަ ޕާސްތަކަކާއި އެކު ގޯލަށް ނުރައްކާ ކުރުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އިންޓަރ މިލާނުން ވަނީ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

ފުރަތަމަ ހާފުގައި ޖުމުލަ ހަތް ހަމަލާ ފޮނުވާލި އިރު ހަތަރު ހަމަލާ ގޯލާ އަމާޒު ވާގޮތެެއް ނުވިއެވެ. ދެ ހަމަލާއެއް އޭސީ މިލާންގެ ކީޕަރު ދިފާއު ކުރި އިރު އެއް ހަމަލާ ވަނީ އެސީ މިލާންގެ ޑިފެންޑަރުން ހުއްޓުވާފައެވެ. ހަމަ އެއާއި އެކު އޭސީ މިލާނުން ގޯލަށް ފަސް ހަމަލާ ފޮނުވާލި އިރު ތިން ހަމަލާ ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށެވެ، ދެ ހަމަލާއެއް ވަނީ އިންޓަރ މިލާންގެ ކީޕަރު ދިފާއުކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން އިންޓަރ މިލާނުން ކުޅުން ރަނގަޅުކޮށް ދިޔައީ ގޯލަށް ނުރައްކާ ކުރަމުންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް އޭސީ މިލާނުން ވަނީ އެކަން ނާކާމިޔާބުކޮށް އެޓީމުގެ ކޮންޓްރޯލަށް ގޭމް ގެނެސްފައެވެ.

އެހެން ނަމަވެސް ދެވަނަ ހާފުގައި އޭސީ މިލާނަށް އުފެއްދުނު ހަމައެކަނި ހަމަލާވެސް ދިޔައީ ގޯލާއި އަމާޒުނުވެއެވެ. އޭގެ ފައިދާ ނަގާ އިންޓަރ މިލާންއިން ގިނަ ހަމަލާތަކެއް ގޯލަށް އަމާޒު ކުރި އިރު ތިން ހަމަލާއެއް ވަނީ ކީޕަރު ދިފާއުކޮށްފައެވެ. ގޯލާ އަމާޒުވި އެއް ހަމަލާ އިންޓަރއިން ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގައި އިންޓަރއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި، ރޮމަލޫ ލުކަކޫގެ އެހީތެރި ކަމާއެކު ކާމިޔާބުކޮށްދިނީ ލައުޓާރޯ މާޓިނޭޒްއެވެ. މި ލަނޑާއި އެކު ޖުމުލަ 10 ގޯލު ޖަހާ އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު އިންޓަރ މިލާންއަށް ކާމިިޔާބުކޮށްދިން ކުޅުންތެރިންގެ ލިސްޓަށް އަރާފައެވެ.

އިޓަލީ ލީގުގެ ތިން ވަނައިގައި އޮތް އިންޓަރ މިލާނުން 1964 އަދި 1965 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އިރު 2010 ވަނަ އަހަރުވެސް ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ފައިނަލާއި ހަމައަށް ނުދެވުން ނަމަވެސް ރަނގަޅު ނަތީޖާތަކެއް ވަނީ ހޯދާފައެވެ.